ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މާލެ. ހ.ލައިޓްނައިޓް/ އިސްމާއީލް ޔާސިފުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ތިން ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު ޝާފިއު މިއަދު ވިދާޅުވީ، ޔާސިފަށް ދައުވާ އުފުލީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓު ޖަމާއަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށް 2020 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓުތައް ކޮށްފައިވާ މައްސަލައިގައި ކަމަށެވެ.
އެގޮތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށުގެ ދައުވާއެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ޔާސިފަށް 10 އަހަރާއި 15 އަހަރުގެ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު އަހަރާއި ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ފަސް އަހަރަށް ޖަލު ހުކުމެއް އަންނާނެއެވެ.
މިދިޔަ ސެފްޓެމްބަރު 21 ވަނަ ދުވަހު ޔާސިފު ހައްޔަރު ކުރީ ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކުގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް"ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށްވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާދުވެސް އޭނާ ދީފައިވެއެވެ.
ޔާސިފު ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އުނގޫފާރު ކޯޓުގެ ހުރުމަތް ކަނޑާލައިގެން 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ.
އެފަހުން ކުރިމިނަލް ކޯޓަށް ޔާސިފު ހާޒިރު ކުރުމުން އޭނާ ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ޔާސިފުގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށް ލުމަށް ހުކުމް ކުރާށެވެ. އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމުންވެސް ޔާސިފު ބުނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށެވެ.
ޔާސިފަކީ ރ. މީދޫ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި އުޅޭ މާލޭ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު