ލައިގެން ހުރި ބޮކްސާގެ ތެރެއިން ބައި ކިލޯ އަށްވުރެ ގިނަ ޑައިމޯފިން ފެނުނު މައްސަލައެއްގައި، އެ މީހާ ބަލައި ފާސްކުރުމުގެ މަރުހަލާ ކުރިއަށްގެންދިޔަ އިޖުރާއުތައް ގޯސްވުމުން ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ބައި ކިލޯގެ ޑައިމޯފިން ޓްރެފިކްކުރި ކަމުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ، މާލެ، މއ.ހިންނަވަރުހުޅަނގުބައި އަހުމަދު ރާއިފުގެ މައްޗަށެވެ.
ދައުލަތުން ރާއިފުގެ މައްޗަށް ދައުވާ އިއްވަމުން ވިދާޅުވެފައިވަނީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު 15:55 ހާއިރު އައްޑޫ އިންޓަނޭޝަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓަކުން އައްޑުއަށް މީހަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
ފްލައިޓުން ފޭބި ޕަސަންޖަރުންގެ ހަރަކާތްތައް ފުލުހުން މޮނިޓާ ކުރަމުންދަނިކޮށް، ރާއިފުގެ އަމަލުތައް ހުރިގޮތުން އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ބަލައި ފާސްކުރިއިރު ލައިގެން ހުރި ތިން ބޮކްސާގެ ތެރެއިން އެންމެ އަޑިން ލައިގެން ހުރި ބޮކްސާގެ ތެރެއިން ފެނުނު މާސްކިން ޓޭޕު އަޅާފައިވާ އެއްޗެއް ނިއުޅުވާ ބެލިއިރު އޭގެ ތެރޭގައި އޮތް ޕެކެޓެއްގައި 290،4000 ގްރާމް ޑައިމޯފިން ހުރި ކަމަށާއި އަނެއް ޕަކެޓުގައި 222.3000 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށުގެ ދައުވާކުރާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށުގެ އަދަބަކީ 25 އަހަރަށް ޖަލަށް ލައި އެއްލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައި ޖިނާއީ ކުށެއްގެ ދައުވާ ލިބޭ މީހަކަށް ލިބިދޭ ހައްގުތައް ރާއިފަށް ވަނީ ސާފުކޮށްދީފައެވެ. ރާއިފު ބުނެފައިވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި ވަކީލަކު އައްޔަން ކުރުމަށް ބޭނުންވާ ކަމަށެވެ. ކޯޓުން ވަނީ އޭނާއަށް އެ ފުރުސަތު ދީފައެވެ.
ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ރާއިފުގެ ދިފާއީ ވަކީލު ވަނީ ޓްރެފިކްކުރިކަމުގެ ކުށުގެ ދައުވާ، ޕެޑަލްކުރުމުގެ ދައުވާއަށް ބަދަލުކޮށް ދިނުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދައުލަތުން ވިދާޅުވެފައިވަނީ ރާއިފުގެ ހަށިގަނޑުން ފެނުނު ޑައިމޯފިންގެ ބަރުދަނަށް ބަލާއިރު ޓްރެފިކްކުރި ކަމުގެ ދައުވާ ޕެޑަލްކުރުމުގެ ދައުވާއަށް ބަދަލުކޮށް ނުދެވޭނެ ކަމަށެވެ.
ދައުވާއަށް ރާއިފު އިންކާރުކުރުމުން ދައުލަތުގެ ފަރާތުން ވަނީ ކުށް ސާބިތުކުރަން ހެކި ހުށަހަޅައިފައެވެ. ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ހަ ފުލުހުންނެވެ. ރާއިފުގެ ފަރާތުން ދިފާއުގައި ހެއްކެއް ހުށަހަޅައިފައެއް ނުވެއެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ބުނެފައިވަނީ ރާއިފު ބަލައި ފާސްކޮށްފައިވަނީ ބަރަހަނާކޮށްގެން ކަމަށެވެ. ބަލައި ފާސްކުރީ އެއާޕޯޓުގެ އިންޓަވިއު ރޫމުގައި ކަމަށާއި އެކަން ކުރުމަށް ޑިއުޓީ އިންޗާޖުގެ ހުއްދަ ނުހޯދާ ކަމަށް ވެސް ހެކިވެރިން ވަނީ ބުނެފައެވެ.
އެ މައްސަލަ ބެލުމަށްފަހު މިދިޔަ އާދީއްތަ ދުވަހު ކޯޓުން ހުކުމްކުރީ ރާއިފުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެގޮތަށް ހުކުމްކުރީ ތުހުމަތުކުރެވޭ މީހަކު ބަރަހަނާކޮށްގެން ބަލައި ފާސްކުރެވޭނީ ފުލުހުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޑިއުޓީ އިންޗާޖުގެ ހުއްދަ ލިބިގެން ކަމަށްވުމުންނެވެ. އަދި ރާއިފު ބަރަހަނާކޮށްގެން ބަލައި ފާސްކުރީ އެއާޕޯޓުގެ އިންޓިވިއު ރޫމެއްގައި ކަމަށާއި އެތަނަކީ މީހަކު ބަރަހަނާކޮށްގެން ބަލައި ފާސްކުރަން އެކަށީގެންވާ ތަނަކަށް ނުވުމުގެ އިތުރުން ބޮކްސާގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ދިމާނުވާތީ، ހެކިތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީއެވެ.
އެ މައްސަލަ ބެއްލެވީ ގާޒީ އާދަމް މުހައްމަދެވެ.
ޚަބަރު
ޚަބަރު