ޓޮޓެންހަމް ހޮޓްސްޕާ

ކޮންޓޭ ޓޮޓެންހަމްއާ ހަވާލުވެއްޖެ، ކުރިން ހަވާލު ނުވީ އޭރު އިންޓައަށް އޮތް ލޯބި ބޮޑުކަމުން

އިނގިރޭސި ކްލަބު ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމާ އެންޓޯނިއޯ ކޮންޓޭ ރަސްމީކޮށް ހަވާލުވިކަން އެ ކްލަބުން އިއުލާން ކޮށްފިއެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ ކޮންޓޭ ހަވާލުވީ، ސީޒަން ފެށިއިރު ކްލަބުގެ ކޯޗުކަން ހަވާލުކުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ އެ މަގާމުން ވަކިކުރުމުންނެވެ. މި ސީޒަން ފެށުމުގެ ކުރިން ޓޮޓެންހަމްގެ ކޯޗުކަން ނޫނޯއާ ކްލަބުން ހަވާލުކުރި ނަމަވެސް ނަތީޖާތައް ދަށްވެ، ކްލަބުން ވަނީ ދެ ދުވަސް ކުރިން ނޫނޯ މަގާމުން ވަކިކޮށްފައެވެ. ނޫނޯއާއެކު މިހާތަނަށް އެ ކްލަބުން ކުޅެފައިވަނީ އެންމެ 17 މެޗެވެ.

ނޫނޯއާއެކު ޓޮޓެންހަމްއިން ސީޒަން ފެށީ ރަނގަޅު ނަތީޖާތަކަކާ އެކުގައި ނަމަވެސް މިހާރު އެޓީމު ފެންނަނީ ފޯމު ދަށްކޮށެވެ. އެންމެފަހުން އެޓީމުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައެވެ. އެންމެފަހުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

ކޮންޓޭއަކީ މި ސީޒަންގެ ކުރިންވެސް ޓޮޓެންހަމްއަށް ގެންދަން މަސައްކަތް ކުރި ކޯޗެކެވެ. ކޮންޓޭއާ ޓީމު ހަވާލުކުރުމަށް އެ ކްލަބުގެ ބޯޑުން ބޭނުންވެ، ޓެކްނިކަލް ޑިރެކްޓަރު ފަބިއޯ ޕަރަޓީސީ ވަނީ އޭނާއާ މަޝްވަރާތައްވެސް ކޮށްފައެވެ. އެހެން ނަމަވެސް އެކަން އެފަހަރު ކާމިޔާބުނުވެ، ކޮންޓޭ ދިޔައީ ޗުއްޓީއަކަށެވެ.

އިންޓަ މިލާނާއެކު މިދިޔަ ސީޒަންގައި އިޓަލީ ލީގު ކާމިޔާބު ކުރި ކޮންޓޭ ޓޮޓެންހަމްއާ ހަވާލުވުމަށްފަހު ބުނެފައިވަނީ ސީޒަން ފެށުމުގެ ކުރިން ޓޮޓެންހަމްއާ ހަވާލު ނުވެވުނީ އޭރު އިންޓައިން ދުރަށް ދިޔަތާ މާ ކުޑަދުވަސް ކޮޅެއް ވެފައި އޮތުމުން ކަމަށެވެ.

"ކުރިން ޓޮޓެންހަމްއަށް ނުދެވުނީ އިންޓައާ ގުޅުން ކެނޑުނުތާ މާ ކުޑަ ދުވަސްކޮޅެއް ވެފައި އޮތުމުން. އޭރު އަހަރެންގެ ހިތުގައި އިންޓައަށް އެމޯޝަނަލީ ވަރަށް ބޮޑު ލޯތްބެއް އޮތް. އެހެންވެ އަހަރެން ނިންމީ އެފަދަ އެމޯޝަނަލް އިހުސާސްތަކެއް ހިފައިގެން އެހެން ކްލަބަކަށް ގޮސް ކޯޗުކަން ނުކުރަން. ޓޮޓެންހަމްގެ ޗެއާމަން އަތުގައި އޮތް ޕްރޮޖެކްޓަށް އަހަރެން ވަރަށް ބޮޑަށް ޝައުގުވެރިވޭ. މިއީ ބޮޑު ފުރުސަތެއް ފުރުސަތުގެ ބޭނުން ކުރާނަން،" ޓޮޓެންހަމްއާ ހަވާލުވެ ކޮންޓޭ ބުންޏެވެ.

ކޮންޓޭއަކީ ކުރިން ޗެލްސީއާއެކު ޕްރިމިއާ ލީގު ކާމިޔާބުކުރި ޓްރެކް ރެކޯޑު ރަނގަޅު ކޯޗެކެވެ. އޭނާގެ ކެރިއަރުގައި ޔުވެންޓަސް އަދި އިންޓަ މިލާނާއެކު ސެރެއާ އޭ ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ ސީޒަންގައި އިންޓައާއެކު ޔޫރޮޕާ ލީގު ފައިނަލުގައިވެސް ކުޅެފައިވެއެވެ. އޭގެ އިތުރުން އިޓަލީ ގައުމީ ޓީމާއެކުވެސް މުހިއްމު ނަތީޖާތަކެއް ކޮންޓޭ ހޯދާފައިވެއެވެ.