ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުންގެ މުސާރަ ބޮޑު ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޕޭ ކޮމިޝަންގެ ލަފައަކަށް ފޮނުވުން އެ މެންބަރުންގެ މުސާރަ ބޮޑު ނުކުރަން ނިންމައިފިއެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ފިޔަވައި އެ ކޮމިޝަނުގެ މެންބަރުންގެ މުސާރައިގައި އެހެނިހެން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައާ އަޅައި ބަލާއިރު ބޮޑު ފަރަގެއް ވާކަން ފާހަގަ ކޮށް، އެންއައިސީން އެ މައްސަލަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ވަނީ އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ.
އެކަމުގައި މާލިއްޔަތު ކޮމިޓީން ޕޭ ކޮމިޝަނާ ވާހަކަ ދެއްކުމަށްފަހު ޕޭ ކޮމިޝަނުން ނިންމި ނިންމުން ވަނީ މިނިވަން މުއައްސަސަތަކުގެ ކޮމިޓީއާ ހިއްސާ ކޮށްފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ދައުލަތުގެ ކޮމިޝަންތައް ވަޒަން ކުރާ ހަމަތަކަށް ބަލާއިރު އެންއައިސީގެ މެންބަރުންނަށް މިހާރު ހަމަޖައްސާފައިވާ މުސާރަ އާއި އިނާޔަތް ތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނުފެނަ ކަމަށް ޕޭ ކޮމިޝަނުން މާލިއްޔަތު ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ދައުލަތުގެ މަގާމު ތަކުގެ މުސާރަ އާއި އިނާޔަތްތަކުގެ ސިޔާސަތުތަކާއި މިންގަނޑު ތަކާއި ހަމަތައް ކަނޑައަޅައި، ދައުލަތުގެ ހުރިހާ މަގާމުތަކެއް ހިމެނޭ ގޮތަށް މުސާރަ އާއި އެލަވަންސްތައް އެއް ހަމަކޮށް އެކުލަވާލާ ޕޭ ފްރޭމްވޯކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމެނޭ ކަމަށާއި، އާ ޕޭ ފްރޭމްވޯކަށް އަމަލު ކުރަން ފެށުމުން އެންއައިސީން ހުށަހަޅާފައިވާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފައިވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
އެހެންކަމުން ޕޭ ކޮމިޝަނުގެ ލަފައާ އެއްގޮތަށް އެންއައިސީގެ މެންބަރުންގެ މުސާރައަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނަން މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
އެންއައިސީގެ މެންބަރުންގެ މުސާރައިގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، ފުރަތަމަ ފަހަރަށް 2015 އަހަރު އެންއައިސީ އެކުލަވައިލިއިރު މުސާރަ ހަމަޖައްސާފައި ވަނީ، ކޮމިޝަންގެ ރައީސަށް މުސާރައިގެ ގޮތުގައި 25500 ރުފިޔާ އާއި 12000 ރުފިޔާގެ ލިވިން އެލަވަންސާއެކު ޖުމުލަ 37500 ރުފިޔާ، ނައިބު ރައީސަށް 23500 ރުފިޔާގެ މުސާރަ އާއި 12000 ރުފިޔާގެ ލިވިން އެލަވަންސާއެކު ޖުމުލަ 35500 އަދި މެންބަރުންނަށް 20500 ރުފިޔާގެ މުސާރަ އާއި 12000 ރުފިޔާގެ އެލަވަންސާއެކު ޖުމްލަ 32500 ރުފިޔާ ކަމަށެވެ.
ނަމަވެސް އެއަށްފަހު އެފަރާތުގެ އެދުމުގެ މަތިން 2017 ވަނަ އަހަރުގެ ނޮވެމްބަރު 29 ގައި މުސާރައަށް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ކޮމިޝަން ރައީސްގެ މުސާރައިގެ ގޮތުގައި 30000 ރުފިޔާ ލިވިން އެލަވަންސްގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމުލަ 45000 ރުފިޔާ، ނާއިބު ރައީސަށް މުސާރައިގެ ގޮތުގައި 25500 ރުފިޔާ އާއި 12000 ރުފިޔާގެ ލިވިން އެލަވަންސާއެކު ޖުމުލަ 37500 ރުފިޔާ އަދި މެންބަރުންނަށް 23500 ރުފިޔާ އާއި 12000 ރުފިޔާގެ ލިވިން އެލަވަންސާއެކު ޖުމުލަ 35500 ރުފިޔާ ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން