މާލެ ކައިރީގައި އަޅާފައި އޮތް ދެ ބޯޓެއް އޮޔާގޮސް، ސިނަމާލެ ބްރިޖުގައި ޖެހުނު ހާދިސާއާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ބެލުމުގެ މަސައްކަތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފަށައިފިއެވެ.

އެންއައިސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ކޮންޓްރޯލުން ނެއްޓި، ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާ އެ ކޮމިޝަނުން ބަލަމުން އަންނަނީ އަމިއްލައަށް އިސްނަގައިގެން ކަމަށެވެ.

އެގޮތުން، އެ މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ގާނޫނުތަކާ ހިލާފުވެފައިވޭތޯ ތަހުގީގު ކުރަމުންދާކަމަށް އެންއައިސީން ބުންޏެވެ.

މި މަހުގެ 10 ވަނަ ދުވަހު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ މާލެއާއި ދޫނިދޫ ދެމެދު އަޅާފައި އޮތް ދެ ބޯޓު، މޫސުން ގޯސްވެ އައި ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ދިއުމުންނެވެ. އޮޔާ ދިޔަ މި ބޯޓުތައް އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރު ފަރުމައްޗަށެވެ. އަދި އޭގެ ފަހުން އޮޔާއެކު ގޮސް ބްރިޖުގެ ތަނބެއްގައި ވަނީ ޖެހިފައެވެ.

ނަމަވެސް، މި ހާދިސާގައި ބްރިޖަށް ބޮޑު ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ބްރިޖު ބަލަހައްޓާ ޗައިނާގެ ސީއެޗްއީސީ ކުންފުނިން ބެލި ބެލުމުން ބްރިޖުގެ އޮނިގަނޑަށް (ސްޓްރަކްޗަރަލް) އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް، ބައެއް ތަންތަނުގައި ކޫރުންތަކެއް އެޅިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހާދިސާގައި ހިމެނޭ ދެ އުޅަނދަކީ އައިއެމްއޯ ނަންބަރެއް ނެތް "އޭއެލް 1" އަދި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ދެ ބޯޓެވެ. އޮމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރި ކަމަށް ބުނާ މި ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

އަދި އެއްވެސް އިދާރާއަކަށް އެންގުމެއް ނެތި މާލެ ކައިރީގައި ހަފުތާއެއްހާ ދުވަހު އަޅާފައި އޮތުމަށްފަހު، ކަމާބެހޭ ފަރާތްތަކަށް މި ބޯޓުތައް ފާހަގަކުރެވުނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހުއެވެ.