ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިހާރު މެންބަރު ހިމެނޭ ގޮތަށް ބަދަލު ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބަންޑާރަ ނާއިބު ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މަޖިލީހަށް ބިލު ފޮނުވައިފިއެވެ.

ތޯރިގަކީ އިދިކޮޅު ޕީޕީއެމްގެ މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފައެވެ.

ތޯރިގު އިސްލާހު ހުށަހަޅުއްވާފައި ވަނީ، ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލު ކުރުމަށް، ގާނޫނު އަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރުމުގެ އިތުރުން، ކޮމިޝަންގެ މެންބަރުންގެ މުއްދަތު ކަނޑައަޅާފައިވާ 161 ވަނަ މާއްދާ އާއި މެންބަރުކަމުން އިސްތިއުފާ ދޭނެ ގޮތް ކަނޑައަޅާފައިވާ 162 ވަނަ މާއްދާ އާއި އެ ފަރާތްތަކުގެ މުސާރަ އަިއ އިނާޔަތްތައް ކަނޑައަޅާފައިވާ 164 ވަނަ މާއްދާ އާއި މެންބަރުކަމުން ވަކި ކުރެވޭނެ ގޮތް ކަނޑައަޅާފައިވާ 165 ވަނަ މާއްދާ އަށެވެ.

ގާނޫނުއަސާސީގެ 158 ވަނަ މާއްގައި މިހާރު އޮންނަގޮތުން ޖޭއެސްސީ އެކުލެވިގެން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެ ކޯޓުން އިންތިހާބު ކުރާ އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓު ތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކާއި، ސިވިލްސާވިސް ކޮމިޝަންގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކާއި، ބަންޑާރަ ނާއިބާއި ދިވެހި ރާއްޖޭގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު ހިމެނޭ ގޮތަށެވެ.

މެންބަރު ތޯރިގު ހުށަހެޅުއްވި އިސްލާހުގައި ޖޭއެސްސީގެ މެންބަރުންގެ އަދަދު އަށަކަށް ތިރިކޮށް، އެ ކޮމިޝަން އެކުލެވިގެންވަނީ ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރި ކަމާއެކު މުސްކުޅި ކުރައްވާފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކު، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު، އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ އަންހެން ގާނޫނީ ވަކީލަކު، ރާއްޖޭގެ ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކާއި، ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކާއި، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހެއްގެ މައްޗަށް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން، އިންތިހާބު ކުރާ މީހަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހަކު ހިމެނެން ވާނެ ކަމަށްވެސް އިސްލާހުގައި ވެއެވެ.

ގާނޫނު އަސާސީގެ 161 ވަނަ މާއްދާ ގައި މިހާރު އޮންނަ ގޮތުން ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބަކީ ވަކި މަގާމެއްގެ ހައިސިއްޔަތުން ކޮމިޝަންގައި ހިމެނޭ ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުން އެމަގާމުތަކުގައި ދެމި ތިބިހާ ދުވަހަކު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހިމެނޭނެ އެވެ. ނަމަވެސް ކޮމިޝަންގައި ދެން ތިއްބެވި ބޭފުޅުންނަށް ކޮމިޝަނުގައި ތިއްބެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ. އެ ދައުރު ހަމަވުމުން އެ ބޭފުޅަކު އަލުން އެ ކޮމިޝަނަށް އައްޔަނެއް ނުކުރެވޭނެ އެވެ.

އެ މާއްދާއަށް ތޯރިގު ގެންނަން ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށެވެ. އަދި ވިދިވިދިގެން ދެ ދައުރަށް މީހަކު އައްޔަނު ނުކުރެވޭނެ ކަމަށްވެސް ހިމަނާފައިވެއެވެ.

ގާނޫނުއަސާސީގެ 162 މާއްދާ މިހާރު ބުނާ ގޮތުން ޖޭއެސްސީގެ މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި، އެ ސީޓީ ރައީސުލްޖުމްހޫރިްޔާ އަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ. އެހެން ނަމަވެސް މެންބަރުކަމުން އިސްތިއުފާ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބު ފިޔަވައި ދެން ތިއްބެވި މެންބަރުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

ޖޭއެސްސީގެ މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބުމުން އެ މެންބަރަކު ވަކވީކަމަށް އެ މާއްދާ އިސްލާހު ކުރަން ތޯރިގު ވަނީ ހުށަހަޅުއްވައިފައެވެ.

ޖޭއެސްސީއަށް އައްޔަން ކުރެވޭ މީހުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ، ނުވަތަ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމުގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަަމަށް 164 ވަނަ މާއްދާގައި ބުނެފައި ވާއިރު، ޖޭއެސްސީއަށް އަންޔަންކުރާ މީހުންނަށް މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަމަށް ހިމަނަން ތޯރިގު ވަނީ ހުށަހަޅުއްވައިފައެވެ.

މަޖިލިސް ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނާއިބު ކޮމިޝަނުންގެ މެންބަރުކަމުން ވަކި ވަނީ، އެބޭފުޅުން އަދާކުރައްވަމުން ގެންދަވާ މަގާމުތަކުން ވަކިވެގެން ކަމަށާއި، ދެން ތިއްބެވި ބޭފުޅުން ވަކި ކުރާނީ އެމީހަކު ކޮމިޝަނަށް އައްޔަންކުރި ފަރާތުން ކަމަށް 165 ވަނަ މާއްދާގައި ބުނެފައިވާއިރު، ޖޭއެސްސީއަށް އަޔަން ކުރާ މީހުން މަގާމުން ވަކި ކުރާނީ އެ މީހަކު ކޮމިޝަނަށް އައްޔަން ކުރި ފަރާތަކުން ކަމަށް ކަނޑައަޅަން މެންބަރު ތޯރިގު ހުށަހަޅުއްވާފައި ވެއެވެ.