ކުރިއަށް އޮތް ތަނުގައި ބާސެލޯނާއަށް ގޮސް، ކްލަބަށް ހިދުމަތްތަކެއް ކޮށްދޭން ބޭނުންވާ ކަމަށް ކްލަބު ލެޖެންޑް، ލިއޮނެލް މެސީ ބުނެފިއެވެ.
ގިނަ ދުވަސްތަކެއް ބާސެލޯނާގައި ހޭދަކުރުމަށްފަހު މެސީ ވަނީ މި ސީޒަނަށް އެ ކްލަބު ދޫކޮށްލައި، ޕީއެސްޖީ އަށް ބަދަލުވެފައެވެ. ކްލަބު ދޫކޮށްލަން މެސީ ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓުގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ.
މެސީ ބާސާއާ ވަކިވެ ދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. މިހާރު އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ.
"ސްޕޯޓިން ޑިރެކްޓަރަކަށް ދާން ބޭނުން. ކޮންމެވެސް ދުވަހަކުން ބާސާއަށް ދާން އެއީ އަބަދުވެސް ކުރާ އުންމީދެއް. މިބުނީ އެހެން ކްލަބެއްގެ މަސައްކަތެއްގައި ނުފެންނާނެ ވާހަކައެއް ނޫން. އެހެންނަމަވެސް މި ބުނަނީ ބާސާއަށް އެހީވުމަކީ އަބަދުވެސް ވަރަށް ބޮޑަށް ބޭނުންވާނެ ކަމެއް ކަމަށް. އަހަންނާއި އާއިލާގެ ދިރިއުޅުން އަދިވެސް އޮތީ ބާސާގައި. ޕީއެސްޖީގައި މަޑުކުރަން ބޭނުން ނުވަނީކީ ނޫން، އެކަމަކު ކެރިއަރުގެ ކުޅުން ނިމުމަށްފަހު އާއިލާއިންވެސް އުޅެން ބޭނުންވަނީ ބާސާގައި،" ރެކޯޑު ހަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ބުންޏެވެ.
މެސީ ބުނީ ވަނީ ޕީއެސްޖީއާއެކު ކުޅެވެން އޮތްހާ ދުވަހަކު ކުޅޭނެ ކަމަށާއި، ރިޓަޔާމަންޓަށް އަދި ނުވިސްނާ ކަމަށެވެ. އަދި އަންނަ އަހަރު އޮންނަ ގަތަރު ވޯލްޑް ކަޕަށްފަހު ގައުމީ ޓީމު ދޫކޮށްލަންވެސް އަދި ވިސްނާފައި ނުވާ ކަމަށް މެސީ ބުންޏެވެ. މެސީ އިތުރަށް ބުނީ ބާސާގައި މަޑުކުރުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރި ކަމަށާއި، މުސާރައިގެ ދެބައިކުޅަ އެއްބައި ކަނޑަން ބުނުމުން އެކަންވެސް ވަގުތުން ކުރި ކަމަށެވެ. މެސީ ބުނީ ބާސާއިން ހިލޭ ކުޅެދިނުމަށް ނޭދޭ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު