ޚަބަރު

ދީބާޖާ މައްސަލައިގެ އަޑުއެހުން ނިމުމަކާ ގާތަށް

މުހައްމަދު އިޝާން

ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދާރީވުމުން މައްސަލަ ނިމުމަކާ ގާތަށް ހިނގައްޖެއެވެ.

މީގެ 11 އަހަރު ކުރިން 2010 ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރިއެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 2013 ވަނަ އަހަރު އެއްބަސްވުން ބާތިލުކޮށްފައެވެ. އެއްބަސްވުން ބާތިލުކުރުމުން ދީބާޖާ އިންވެސްޓްމެންޓުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ ދީބާޖާ އިންވެސްޓްމެންޓާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ދައުލަތުން ދީބާޖާ އިންވެސްޓްމެންޓަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ. އެ ހުކުމް ހައި ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރުމަށެވެ.

ހައި ކޯޓުގެ ހުކުމް ދީބާޖާ އިންވެސްޓްމެންޓުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއްބަސްވުން އުވާލި މައްސަލައިގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް ބަދަލު ލިބިދޭން ޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުން އެ ހުކުމް ރިވިއު ކުރުމަށް އަލުން އެ ކޯޓަށް ހުށަހެޅުމުން ފަހުން އެ ކޯޓުން ނިންމާފައިވަނީ އެ ހުކުމް ބާތިލުކުރުމަށެވެ.

ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައިވަނީ އިސްތިއުނާފުގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށްވާތީ ހައިކޯޓުގެ ނިންމުން ދެމެހެއްޓޭނެ ކަމަށް އެ ކޯޓުން މިދިޔަ އޭޕްރީލް މަހު ކުރި ހުކުމްގައި ބުންޏެވެ. އަދި އެ ނިންމުން އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ ދީބާޖާގެ ފަރާތުން އަނެއްކާ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

މިއީ މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލާ ތިންވަނަ ފަހަރެވެ. އެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ދީބާޖާ އިންވެސްޓުމެންޓުގެ ފަރާތުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އަޑުއެހުމުގައި އިއްވައިފައެވެ. ދީބާޖާ އިންވެސްޓްމެންޓުގެ ފަރާތުން ވަނީ އިސްތިއުނާފީ ހަ ނުކުތާއެއް ހުށަހަޅައިފައެވެ. އިސްތިއުނާފީ ނުކުތާތައް ބޮޑަށް ރިއާޔަތްކޮށްފައި ވަނީ، ދައުލަތުން މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ހައިކޯޓުގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކޮށްފައި އޮތް އޮތުމާ ގުޅޭގޮތުންނެވެެ.

ދީބާޖާ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު އެރުވުމުގެ ގޮތުން ބޭއްވި އަޑުއެހުމެކެވެ. އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން ހައި ކޯޓަށް މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފީ މުއްދަތުގެ ފަހުން ކަމަށް ދީބާޖާ އިންވެސްޓުމެންޓުން ބުންޏަސް، އެކަމާ ގުޅެގޮތުން ސުޕްރީމް ކޯޓުން މީގެ ކުރިން ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުން ވިދާޅުވީ، އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅަން ޖެހުނީ، ސިވިލް ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ނުލިބިގެން ކަމަށެވެ. އަދި އެއީ ގާނޫނުގައި ބުނާ އަމިއްލަ ބާރު ނުހިނގާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ދައުލަތުން ދެން ވިދާޅުވީ، އެއްބަސްވުން އުވާލީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ދިބާޖާ އިންވެސްޓުމެންޓުން ބުންޏަސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެއްބަސްވުން އުވާލިއިރު އެއްބަސްވުމުގައި ވާގޮތުގެ މަތިން ފެރީގެ ހިދުމަތް ދީބާޖާ އިންވެސްޓުމެންޓުން ދެމުންނުދާ ކަމަށެވެ. އަދި އެއްބަސްވުން އުވާލިއިރު ފެރީގެ ހިދުމަތް ހުއްޓިފައިވާތާ ހަ މަސް ވެފައިވާ ކަމަށާއި އެއްބަސްވުން އުވާލުމުގެ ކުރިން ފެރީގެ ހިދުމަތް އަލުން ފަށައިދިނުމަށާއި ފެރީގެ ހިދުމަތް އަލުން ފެށޭނެ ތާރީހެއް ދިނުމަށް އެދި ދީބާޖާ އިންވެސްޓުމެންޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދީބާޖާ އިންވެސްޓުމެންޓުން ސިޓީއަށް ޖަވާބު ދީފައިނުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒު އާލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބަލަހައްޓަ ވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވީ، ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ފަނޑިޔާރުންގެ ބެންޗުން މައްސަލައާ ގުޅިގެން ސުވާލުކުރުން ކަމަށާއި އެއަށްފަހު އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށެވެ.