ވައިގެ މަގުން ރާއްޖެއަށް 15 ކިލޯގެ ކޮކެއިން އެތެރެކުރަން އުޅުނު ބްރެޒިލްގެ އަންހެނެއް ކަމަށްވާ ޖެކުއެލިން ފިލެޓޯ މަންސިނީގެ ބަންދު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

މަންސިނީ މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް) ހިފަހައްޓާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު، އޭނާގެ އަމަލުތައް ހުރިގޮތުގެ ސަބަބުން ޝައްކުތަކެއް ވެގެންނެވެ. އޭނާ ހިފެހެއްޓުމަށްފަހު ލަގެޖު ބަލައި ފާސްކުރުމުން ވަނީ ކޮކެއިން ފެނިފައެވެ. ކަސްޓަމުން އޭރު ބުނީ އެތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މިއަދު ކްރިމިނަލް ކޯޓަށް މަންސިނީގެ ބަންދު މުރާޖާކުރަން ވަނީ ހާޒިރުކޮށްފައެވެ. އޭނާއަކީ އިނގެރޭސި ދަންނަ މީހަކަށް ނުވާތީ ތަރުޖަމާ ކުރުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. އެކަން ފުލުހުން ވެސް ވަނީ މިއަދު ފާހަގަކޮށްފައެވެ. އަދި އޭނާގެ ދިފާއީ ވަކީލު ވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވީ، މަންސިނީ އަށް އިނގެރޭސި ބަސް ނޭނގޭ ކަމަށާއި، އޭނާއަށް އެނގެނީ ޕޯޗުގީޒް އަދި ސްޕެއިން ބަސް އެކަނި ކަމަށެވެ. އޭނާ އަށް ގާނޫނީ އިންޒާރުވެސް ދީފައިވަނީ ގޫގަލް ޓްރާންސްލޭޓާ މެދުވެރިކޮށް ކަމަށެވެ.

ދައުލަތުން ފޯރުކޮށްދީފައިވާ ތަރުޖަމާނަކު މިއަދުގެ އަޑުއެހުމުގައި ވަނީ ބައިވެރިވެފައެވެ. ތަރުޖަމާނުގެ އެހީގައި ވާހަކަ ދައްކަވަމުން މަންސިނީ ބުނީ، ޖަލުން އޭނާ އަށް ލިބޭ ކާތަކެތި ކުޅި ކަމުން ކާން އުނދަގޫ ކަމަށާއި، ބަންދު ކުރިފަހުން މިހާތަަނަށް 12 ކިލޯ ލުއިވެފައިވާ ކަމަށެވެ. އެހެންކަމުން ބަންދުން ދޫކޮށްދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ، މަންސިނީގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ވެފައި ތުހުމަތަށް ބާރުދޭ ހެކިތައް ހުރުމުން މަންސިނީ ބަންދުގެ ދަމަހައްޓަން އެދިފައެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވީ ޝަރީއަތް ނިމެންދެން މަންސިނީ ބަންދުކުރަން ކޮށްފައިވާ އަމުރު ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ޖަލުގެ ކެއުމާ ގުޅޭގޮތުން މަންސިނީ ކުރި ޝަކުވާ ބަލަން އަންގަވާނެކަމަށެވެ.