މުޙައްމަދު އަސްލަމް

ރަށްރަށުން މީހުން ބަދަލު ކުރުމަކީ މުސްތަގުބަލު މަރައިލުން، އެވިސްނުމެއް ނުގެންގުޅެން: މިނިސްޓަރު އަސްލަމް

އިބްރާހިމް ޒަކީ

އެއްރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރުމަކީ އެމީހުންގެ މުސްތަގުބަލުގައި ހުރި ކަންކަން މަރައިލުން ކަމަށާއި، ކުދި ރަށްރަށުން ބޮޑެތި ރަށްރަށަށް މީހުން ބަދަލު ކުރުމަކީ ގެންގުޅުއްވާ ވިސްނުމެއް ނޫން ކަމަށް މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފަރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ބޮޑެތި ރަށްރަށުން ކުދި ރަށްރަށަށް މީހުން ބަދަލުކޮށް ރަށްރަށް ތަރައްގީ ކުރުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ރަށްރަށުން އެއްބަޔަކު ނަގައިފައި އަނެއް ރަށަަކަށް ލައިފައި މީހުން އެއްކުރުމަކީ ގަބޫލު ކުރައްވާ އުސޫލެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެމީހަކު ވިހާ ބޮޑުވި ތަނުން އެމީހާ ގެންގޮސް އެހެން ތަނަކަށް ލުން،" މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ދިވެހި ރާއްޖެ ހުޅުވައިލަން ކަމަށާއި، ރާއްޖޭގައި މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ޓްރާންސްޕޯޓް ލިންކެއް ގެނައުން ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުދި ރަށްރަށުގެ މީހުން ބޮޑެތި ރަށްރަށަށް ބަދަލު ކުރުމަކީ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ވިސްނުމެއް ކަމަށާއި، "ނަމަވެސް އެއީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން،" ކަމަށެވެ. އެހެންކަމުން އެ ވިސްނުން ކުރިއަށް ނުގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ޕަބްލިކް އިންފްރާންސްޓްރަކްޗާ ގާތްގަނޑަކަށް ހުރިހާ ރަށެއްގައި މިހާރު އެބަ އޮތް ކަމަށާއި، ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެކަންތަކަށް ސޮއި ނުކުރެވި އޮތީ މަދު ރަށްރަށެއް ކަމަށާއި، ރަށްރަށުގައި އެހުރިހާ ކަމެއް ކުރުމަށްފަހު ރަށުން މީހުން ބާލަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ބައެއް ކުދިކުދި ރަށްރަކީ ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލާއެކު އެރަށްރަށުގެ އިގްތިސޯދު ވަރަށް ބޮޑަށް ފުޅާ ވެގެންދާ ރަށްރަށް، މީގެ ދުވަސްތަކެއް ކުރީގަ އުކުޅަހަކީ އެއްވެސް ރަށެއް ނޫން، މިއަދު އުކުޅަހަކީ ބޮޑު އިގްތިސޯދެއް އޮތް ރަށެއް، މާފުއްޓަކީ މުހިއްމު ރަށެއް ނޫން މިއަދު ވަރަށް ބޮޑު އިގްތިސޯދެއް އޮތް ރަށެއް، މާދަމާ ރަކީދޫ ވެދާނެ ވަރަށް ބޮޑު އިގްތިސޯދެއް އޮތް 50 މީހުންގެ އާބާދީގެ ރަށަކަށް އެހެވީމާ އެއްރަށުން އަނެއް ރަށަށް މީހުން ބޭލުމަކީ އެމީހުންގެ މުސްތަގުބަލުގައި ހުރި ކަންކަން މަރާލުން، އިންސާނުންނަކީ ގަސްގަހާގެހި ކަހަލަ އެއްޗެއް ނޫން، އުފުރައިފަ ގެންގޮސް އެހެންތަނުގައި އިންދާކަށް،" މިސާލު ޖައްސަވަމުން މިނިސްޓަރު ވިދާޅުވިއެވެ.