ރާއްޖޭގައި އައިސީޓީ ދާއިރާ ކުރިއަރުވައި، އިންޓަނެޓް އެކްސްޕޯޓް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ރޭ ވިދާޅުވީ، ޓެކްނޮލޮޖީ މިނިސްޓްރީގެ ފަރާތުން ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ހަގީގަތަކަށް ހެދޭނީ ރާއްޖޭގެ އައިސީޓީ ދާއިރާ ތަރައްގީވެގެން ކަމަށެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ވަރަށް ގާބިލު ޑިވެލޮޕަރުނާއި އައިސީޓީ ދާއިރާގެ ބޭފުޅުން އެބަތިއްބެވި ކަމަށާއި ނަމަވެސް އަދަދު މަދު ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ވަސީލަތްތައް މިހާރަށް ވުރެ އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އިންޓަނެޓް އަގުހެޔޮކުރުމަކީ އައިސީޓީ ދާއިރާގެ ކުރިއެރުމަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން އިންޓަނެޓަށް ހެޔޮ ބަދަލެއް ގެނެސްދީފައިވާ ކަމަށާއި އިންޓަނެޓްގެ އަގު އަދިވެސް ހެޔޮ ވާން ޖެހޭ ކަމަށެވެ. އަދި އިންޓަނެޓް އަގުހެޔޮކޮށް، އިންޓަނެޓް އެކްސްޕޯޓް ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެބަ ފެނޭ އެކްސްޕޯޓް މާކެޓެއް ކްރިއޭޓް ވަމުން އަންނަތަން. އަޅުގަނޑުމެންނަށް ފަހަރެއްގައި އިންޓަނެޓް އެކްސްޕޯޓްވެސް ކުރެވިދާނެ. އަޅުގަނޑުމެންގެ އެ ކެޕޭސިޓީ ބިލްޑް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގައި އެކިއެކި ވިޔަފާރިތައް ކުރުމަށް އެޓްރެކްޝަނަށް ކުރުމުގެ ފުރުސަތު އެބަ އޮވޭ. މީ ތަންކޮޅެއް ހުވެފެނީ ކަމަކަށްވެސް ވެދާނެ. ނަމަވެސް އަޅުގަނޑުމެން މިދަނީ އެކަންވެސް އެކްސްޕްލޯ ކުރަމުން" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ، އެކި ދާއިރާތައް ސިންދަފާތު ކޮށްގެން (ޑައިވާސިފައިކޮށްގެން) ކުރިއެރުވުން ކަމަށާއި އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި އެބައޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު