ޚަބަރު

ހުޅުމާލޭގައި އަލަށް ހަތަރު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ބަޖެޓުގައި ހިމަނައިފި

އިބްރާހިމް ޒަކީ

ހުޅުމާލޭގައި އަލަށް ހަތަރު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހެޅުއްވި ބަޖެޓުގައި ޕީއެސްއައިޕީގައި ހިމެނޭ ޕްރޮޖެކްޓުތަކަށް ބަލާ އިރު، ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމުގެ ދާއިރާއިން އެންމެ ބޮޑު ހަރަދެއް ހިނގާނީ ހުޅުމާލޭގައި ގާއިމުކުރާ ސްކޫލުތަކަށް ކަމަށް ވަނީ ހިމަނައިފައެވެ.

އެގޮތުން އަމަލީ މަސައްކަތް ފަށާފައިވާ ސްކޫލަށް 9.9 މިލިއަން ރުފިޔާ އަދި ހުޅުމާލޭގައި އަލަށް ގާއިމުކުރާ ހަތަރު ސްކޫލަކަށް 19.6 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސީއެޗްއެސްއީ ބްލޮކް، ކޮންޓްރެކްޓާ ފައިނޭންސަށް ދައުލަތުގެ ބަޖެޓުން ފަސް މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅައިފައެވެ.

ބަޖެޓުގައި ހިމަނާފައިވާ ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމުގެ ބައިގައި، ސްޓޭޓް އޮފް ދި އާޓް ޓިވެޓް، އިންސްޓިޓިއުޝަން ގާއިމުކުރުމުގެ މަޝްރޫއުތަކަށް 19.5 މިލިޔަން ރުފިޔާ ވަނީ ހިމަނައިފައެވެ.

އެއީ ހުޅުމާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ރ. އަލިފުށީގައި އެފަދަ އިނިސްޓިޓިއުޝަންތައް ގާއިމުކުރުމަށެވެ. އަދި މާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ދަރުމަވަންތަ ސްކޫލު އިމާރާތް ކުރުމަށް 4.3 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއދު ވިދާޅުވީ، ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް، އަމިއްލަ ފަސްގަނޑުގައި ތިބެގެން ދިވެހި ކޮންމެ ކުއްޖަކަށްވެސް ހޯދޭނެ މަގުފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ތެރޭގައި ހުޅުމާލޭގެ ފޭސް ދޭއްގައި ގާއިމުކުރާ ތިން ސްކޫލުގެ މަޝްރޫއުތައް ފާހަގަކޮށްލެވޭ ކަމަށްވެސް ވިދާޅުވިއެވެ.