ލުއި ރިޕޯޓް

ވަޒީފާއިން ކަނޑައެއް ނުލާ، އަދިވެސް ނިކުންނާނީ ވެށީގެ ހިމާޔަތުގައި: އިގުބާލު

ރިފާ ހަލީލު

ފަތުރުވެރިން ގޮވައިގެން ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލަން ދާތާ 13 އަހަރު ވެއްޖެ އެވެ. ކޮންމެ ދުވަހަކުވެސް ޕްލާސްޓިކް ކޮތަޅާއި އެނޫންވެސް ކުނި ބުނި ނަގަ އެވެ.

އއ. ހިމަންދު އަށް އުފަން އިގުބާލު ބިލާލް އެންމެ ކުރާ ހިތްވާ ކަމަކީވެސް އެއީ އެވެ. އިގުބާލު ބުނީ ވެށި ހިމާޔަތް ކުރުމަށް ކުރެވެން އޮތް ކަމެއް އަބަދުވެސް ކުރާނެ ކަމަށެވެ.

އާދައިގެ މަތީން މިދިޔަ ބުރާސްފަތި ދުވަހުވެސް އިގުބާލު ދިޔައީ ފަތުރުވެރިންތަކެއް ގޮވައިގެން ފީނާށެވެ. ކުންޏާއެކު ޕްލާސްޓިކް ކޮތަޅު އެ ދުވަހުވެސް ނެގި އެވެ. އެކަމަކު އެހެންދުވަހާ ތަފާތުކޮށް އެ ދުވަހު އެ ކުނިތައް ހިފައިގެން ގޮސް އޭނާ ބެހެެއްޓީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޭނާ މަސައްކަތް ކުރަމުން އަންނަ ރ. އަތޮޅު އެމަރެލްޑް މޯލްޑިވްސް ރިސޯޓުގެ ރިސެޕްޝަންގަ އެވެ.

އިގުބާލު "ވަން" އަށް މިއަދު ބުނީ އެގޮތަށް އޭނާ ކަންތައް ކުރީ ތަކުރާރުކޮށް އެތައް ފަހަރަކު މޫދަށް ކުނި ނޭޅުމަށް ރިސޯޓުގެ އެކި ފަންތީގެ އެކި ލެވެލްތަކުގެ މީހުންނާ ވާހަކަ ދައްކައިގެންވެސް އެކަމަށް ހައްލެއް ނުލިބުމުން ކަމަށެެވެ. އަދި ރިސެޕްޝަނުގައި އެތަކެތި ބެހެއްޓި އިރުވެސް އޭނާ އާ މެދު ފިޔަވަޅު އަޅާނެ ކަން އެނގޭ ކަމަށާއި އެކަމާ ފަރުވާލެއް ނުބަހައްޓާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު މިތާނގަ މަސައްކަތް ކުރަނީ ތާޑު ޕާޓީ މުވައްޒަފެއް ގޮތަށް. މާނަޔަކީ އަޅުގަނޑު މަސައްކަތް ކުރަނީ އެހެން ކުންފުންޏެއްގަ އޭ. ދެން ރިސޯޓުގަ މި މަސައްކަތް ކުރަނީ ކޮންޓްރެކްޓް އުސޫލުން. އެމީހުން ބަދުނާމު ކޮށްފަ ވާހަކަ ދެއްކި ކަމަށް އެމީހުން ބުނަނީ. އެކަމަކު އަޅުގަނޑު ކިޔައިދިނީ ހަގީގަތް. ވަކި ޒާތީ ކަމެއް އޮވެގެން ނޫނީ ރިސޯޓު ބަދުނާމު ކުރާން ކުރިކަމެއް ނޫން. އަޅުގަނޑު ވަޒީފާ އަކުން ވަތްކެއް ނުވޭ. ކަނޑައެއް ނުލާ. ރިސޯޓުން ހަމަ އެކަނި ފޮނުވާލީ." އޭނާ ބުންޏެވެ.

އިގުބާލު ބުނީ ރިސެޕްޝަނުގައި ކުނިތައް ބެހެއްޓުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެ ރިސޯޓުން ފައިބައިގެން ދިއުމަށް އޭނާއަށް އެންގި ކަމަށެވެ. އެކަމާ ދެކޮޅު ހަދަންވެސް ބޭނުން ނުވި ކަމަށާއި ނަމަވެސް ކުނި ކަނޑަށް ނާޅަން އެދުނު އެދުން އެމީހުން ފުއްދަ ދޭނެ ކަމުގެ ޔަގީން ކަން ދިން ކަމަށް ބުންޏެވެ.

ކޮންމެ ދުވަހަކުވެސް ޑައިވް ޕޮއިންޓްތަކުން ފެންނަމުން ދިޔަ ކުނިބުނި ދަނީ އިތުރުވަމުން ކަމަށާއި އެ ރިސޯޓް ކައިރީގައި ހުރި ހުރިހާ ޑައިވް ޕޮއިންޓްތަކަކުން ކަހަލަ ގޮތަކަށް, ފުޑް ވޭސްޓާ އެކު އުކާލާ ފެހި ކުލައިގެ ބޮޑެތި ޑަސްބިން ކޮތަޅުތައް ފެންނަމުންދާ ކަމަށް ބުންޏެވެ. އަދި އެކަމާ ހެދި ކެތްތެރިކަން ކޮޅުންލައި ފަތުރުވެރިން ކުރިމަތީގައި ލަދުގަންނަން ޖެހިފައިވާ ކަމަށް އިގުބާލު ބުންޏެވެ. މި ކަމުގެ ސަބަބުން މި ރީތި ރާއްޖޭގެ ނަން ފަތުރުވެރީންގެ ކުރިމަތީގައި ކިލަނބުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިގޮތަށް އަމަލު ކުރީ ހެއްކާއެކު ރިސޯޓުގެ ބޮޑެތި ބޭފުޅުންނާ ހަމަޔަށް މައްސަލަ ގެންދިޔުމަށް ކަމަށާއި އީޕީއޭ އަށް މައްސަލަވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

ކަަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށާއި ކުރިއަށް އޮތްތާނގައިވެސް މަސައްކަތް ކުރާނީ ވެށީ ހިމާޔަތަށް ކަމަށް އިގުބާލު ބުންޏެވެ.