ގާނޫނަށް ގެނައި ބަދަލާއެކު ރައްޔިތުން މަޖިލީހުގެ ރައީސްގެ ރަސްމީގެކޮޅުގެ ގޮތުގައި ދައުލަތުން ހަމަޖައްސާ ގެ ކޮޅުގެ ހަރަދަށް 6.9 މިލިއަން ރުފިޔާ އަދި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެ ކޮޅުގެ ގޮތުގައި ހަމަޖައްސާ ގެކޮޅުގެ ހަރަދަށް 5.4 މިލިއަން ރުފިޔާ އަންނަ އަހަަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ހިމަނައިފިއެވެ.

ބަޖެޓްގައި ކަންތައްތަކަށް ފައިސާ ކަނޑއަޅާފައިވާ ގޮތަށް ބަލާއިރު، މަޖިލިސް ރައީސްގެ ގެ ކޮޅަށް 6.9 މިލިޔަން ރުފިޔާ ކަނޑައަޅާފައި ވަނީ، ކޯޕަރޭޓް ހިދުމަތަށް 3.2 މިލިޔަން ރުފިޔާ، ހައުސް ހޯލްޑް ހިދުމަތަށް 2.3 މިލިޔަން ރުފިޔާ އަދި އެ ގެކޮޅުގެ ބިއުރޯ ހިދުމަތްތަކަށް 1.3 މިލިޔަން ރުފިޔާއެވެ.

އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅުގެ ހަރަދަށް 5.4 މިލިޔަން ރުފިޔާ ކަނޑައަޅާފައި ވަނީ ވަނީ، ކޯޕަރޭޓް ސާވިސްއަށް 3.8 މިލިޔަން، ހައުސް ހޯލްޑް ހިދުމަތަށް 1.3 މިލިޔަން ރުފިޔާ އަދި ބިއުރޯ ހިދުމަތްތަކަށް، 280،00 ހިމެނޭގޮތަށެވެ.

މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ އިސް ވެރިންގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމުގެ ގޮތުން ގާނޫނަށް ބަދަލުގެނެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި ސަރުކާރުގެ ހަރަދުގައި އެ ގެކޮޅުގެ ކަންތައްތައް ހަމަޖެއްސުމަށް ވަނީ ކަނޑައަޅައިފައެވެ.

އެ ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގޭގެ ގޮތުގައި މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެ ކޮޅުގެ ގޮތުގައި ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.