ދައުލަތުގެ ބަޖެޓު

އަންނަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރީން އަންނާނެ ކަމަށް ލަފާކުރެވޭ: ފިނޭންސް މިނިސްޓަރު

އިބްރާހިމް ޒަކީ

އަންނަ އަހަރު ރާއްޖެއަށް 1.5 އާއި 1.8 މިލިއަނާ ދެމެދުގެ އަދަދަކަށް ފަތުރުވެރީން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަންނަ 2022 ވަނަ އަަހރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އިގްތިސޯދަށް އަންނަ ފަހި ބަދަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އާރޯކަން ލިބެމުން އަންނަ ކަމަށެވެ. ދުވާލެއްގެ މައްޗަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މިހާރު ހުރީ 2019 އާ ގާތްގަނޑަކަށް އެއް ހަމައެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިހާރު އަންދާޒާ ކުރަނީ މި އަހަރު ނިމޭއިރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ "ގޯލްޑަން ޖުބިލީ" އަހަރުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން ފާހަގަ ކުރުމަށް ގިނަ މާކެޓިން ހަރަކާތްތަކެއް ރާވާފައި ހުރުމާއި، ދުނިޔޭގެ ދަތުރުފަތުރަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭ ރިޒޯޓްތައް ކޮވިޑް-19 އާއެކުވެސް އޮޕަރޭޓް ކުރުމަށް ވެފައިވާ ތައްޔާރީތަކާއެކު، 2022 ވަނަ އަހަރުގެ ތެރޭގައި ކޮވިޑް-19 ގެ ކުރިން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރާއި ހަމައަށް ވާސިލު ވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މިނިސްޓަރު އަމިރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށްފަހު، ރާއްޖޭގެ އުފެއްދުންތެރިކަމަށް އެންމެ ބޮޑަށް ހިއްސާކުރާ ދާއިރާތަކަކީ ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އާންމު ވިޔަފާރި ކަމަށެވެ.

ނަމަވެސް ގިނަ ދުވަސްތަކަކަށް ކޮވިޑް 19 ގެ ބަލިމަޑުކަން ދެމިގެން ދިއުމުގެ ސަބަބުން ސަޕްލައި ޗެއިނަށް ދިމާވި ގޮންޖެހުންތަކާއެކު، ރާއްޖެއަށް މުދާ ލިބުން ދަތިވެ، ވިޔަފާރިތަކަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ މަޝްރޫއުތަކަށް ވެސް މިކަމުގެ ސަބަބުން ލަސްތައް ކުރިމަތިވެ، އިމާރާތްކުރުމުގެ ދާއިރާ ވަނީ 2020 އަދި 2021 ވަނަ އަހަރުވެސް ދަށަށް ގޮސްފައި ކަމަށްވެސް ވިދާޅުވިއެވެ.