ދައުލަތުގެ އަހަރީ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންސީން މިރޭ ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަޖިލީހުގައި އެ މަނިކުފާނުގެ ސިޔާސަތާ ދެކޮޅު ބައެއްގެ މެޖޯރިޓީ ކަމަށެވެ. ސަރުކާރުން 2024 ވަނަ އަހަރު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމައި، 2023 ވަނަ އަހަރު އެ ބަޖެޓް ފާސްކޮށް ދިނުމަށް ހުށަހެޅުމުން، މަޖިލީހުން އެ ފަހަރު ބަޖެޓް ފާސްކޮށްދީފައިވަނީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ވަރަށް ބޮޑު ބައެއް އުނިކޮށްފައި ކަމަށެވެ.
އެކަމުގެ ސަބަބުން 2024 ވަނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް ބަޖެޓް ފާސްކުރަން ޖެހޭ ތާރީހަށް ބަދަލުތަކެއް ގެންނަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ގަސްދުކުރަނީ ރިޔާސީ އިންތިހާބު އެއް ދުވަހަކު ބާއްވާ ރައްޔިތުން ނިންމަވައިފި ނަމަ، މާލިއްޔަތު ގާނޫނަށް ކަމާބެހޭ އިސްލާހު ގެނެސް 30 ސެޕްޓެމްބަރުގައި ކުރިއަށް މަޖިލީހުން ބަޖެޓު ފާސްކުރާ ގޮތަށް އޮތުން ބަދަލުކޮށްދީ ޑިސެމްބަރު އެއްވަނަ ދުވަހު މަޖިލީހުން ބަޖެޓު ފާސްކުރެވޭ ގޮތަށް ހަދަން. މަޖިލީހުގެ އުމުރު ފުރިގެން އައިސް މަޖިލިސް ހުވާ ކުރާނެ ދުވަހަކަށް ކަނޑައެޅިގެން މިދަނީ އެކެއް ޑިސެމްބަރު ކަމުގައި ވާތީ. އެހެންވީމާ 2028 ގެ ރިޔާސީ އިންތިހާބުގެ ވޯޓާ މަޖިލިސް އިންތިހާބު ވޯޓު ނިމިގެން ގޮސް 2028 ގެ ޑިސެމްބަރު އެއްވަނަ ދުވަހު އާ މަޖިލިސް ހުވާ ކުރާނެ" ރައީސް ވިދާޅުވިއެވެ.
"އެ ރައީސަކު ވީ ވައުދެއް، ވައުދުތައް ފުއްދުމަށްޓަކައި ފުރިހަމައަށް ބޭނުންކުރެވޭ ބަޖެޓް ހުރި އަހަރަކަށް ހެދުމުގެ ފުރުސަތު ދެވިގެން މި ދަނީ"
ރައީސް ވިދާޅުވީ އެ ބަދަލު ގެނެވިއްޖެ ނަމަ، ސަރުކާރާއި، މަޖިލިސް މަސައްކަތް ކުރާނީ، އެއް ވިސްނުމެއްގައި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކަމަށެވެ.
މިހާރު އޮންނަ ގޮތުން ނަމަ، ސަރުކާރާ ދެކޮޅު ބަޔަކު މަޖިލީހުގެ މެޖޯރިޓީގައި ތިބުމުގެ ފުރުސަތު ހަ މަސް ދުވަހަށް ފަހިވެފައިވާ ކަމަށެވެ. އެގޮތަށް ކަންތައްވުމުން މަޖިލީހުގެ ތެރެއިން ސަރުކާރަށް އެތަކެއް ހުރަސްތަކަކާއި ޖެއްސުމެއް ކުރިމަތިކުރުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުން ރައްޔިތުންނަށް ކަންކަން ނިންމާފަ ކުރާން މިއުޅޭ ކަންކަމަށް ވަރަށް ބޮޑެތި ހުރަސްތަކެއް މަޖިލީހުގެ ތެރެއިން ކުރިމަތިކުރި. އެމީހުންނަށް މަޖިލީހުގެ ތެރެއިން ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން، ގައުމުގެ ހަމަޖެހުމާ ސުލްހަ މަސަލަސްކަމާ، އެކި ކަހަލަ ހަމަނުޖެހުންތަކާ ދިމާލަށް ކަންކަން ގެންދަން މަސައްކަތްކުރި" ރައީސް ވިދާޅުވިއެވެ.
އޭރު މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތީވެސް، އެ ޕާޓީއަށް ނިސްބަތްވާ މެންބަރުން، މަޖިލިސް ތެރެއިން ސަރުކާރަށް ޖެއްސުން ކުރަމުންދާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންގެ ނިންމުން ތަންފީޒު ކުރުމަށް ފުރުސަތު ދިނުމަށްޓަކައި އެމްޑީޕީން ކުރަމުން ގެންދިޔަ ކަންކަމަށް ޖާގަ ނުދިނުމަށްޓަކައި ޕީއެންސީއާ ގުޅިވަޑައިގަތީ. ގުޅިވަޑައިގަތުމުގެ ސަބަބުން މަޖިލިސް ތެރެއިން ރައްޔިތުންގެ ނިންމުމަށް ހުރަސްއެޅުމުގެ ފުރުސަތު ކުޑަވެގެން މިދިޔައީ. މިކަހަލަ ހަޖާނުތަކާއި، މިކަހަލަ ގައިރު ޒިންމާދާރު ކަންކަމަށް އޮތް ފުރުސަތު އެއްކޮށް ބަންދުވެގެން ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިޔާސީ ވިސްނުމުން އެއްކިބާވެ، ރައްޔިތުންގެ ލާބައާއި މަންފާއަށްކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މި ގައުމު އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއި، އަމާނާތްތެރިކަމާއެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށާއި، އެހެންކަމުން ގައުމުގެ ހައްގުގައި ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ނިންމަވާނެ ކަމަށެވެ.
"ސަރުކާރުން މި ބޮޑެތި މުހިންމު ނިންމުންތައް ނިންމަމުން މިދާ ހަމައެކަނި ސަބަބަކީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ޔަގީންކުރުމާއި، ރައްޔިތުންގެ ތަރައްގީ ޔަގީންކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމާއި، ހުރިހާކަމެއްގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް މި އަންނަނީ މި ވިސްނުމުގައި" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު