ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަޖެޓުން، އަމިއްލަ މީޑިއާތަކަށް މިއަހަރު ދޭ މާލީ އެހީތެރިކަމަށް 41 މީޑިއާއެއް ޝަރުތު ހަމަވެއްޖެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން ދޭ މާލީ އެހީތެރިކަމަށް ހުށަހެޅުމަށްޓަކައި ޖުމުލަ 57 މީޑިއާއަކުން ''ޕްރޮފައިލް'' ކްރިއޭޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއެއް ކަމަށް މީޑިއާ ކޮމިޝަނުން ބުންޏެވެ.

މީޑިއާ ކޮމިޝަނުން ބުނީ މާލީ އެހީތެރިކަމަށް ޝަރުތު ހަމަވި މީޑިއާތަކަށް ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

އެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ބުންޏެވެ.

މީޑިއާތަކަށް ފައިސާދިނުމުގެ ކަންކަން މީގެ ކުރިން ކޮށްފައިވަނީ ޔޫތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ފައިސާދޭނެ މީޑިއާތަކާއި ފައިސާދޭނެ އަދަދުތައް ކަނޑައެޅި ފަހުން ޝަކުވާތައް ބޮޑުވުމާ ގުޅިގެން އެ މަސައްކަތް ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފައެވެ.