ދައުލަތުގެ ބަޖެޓުން ސަބްސިޑީތަކަށް މިއަހަރަށް ކަނޑައަޅާފައިވާ 50 ޕަސެންޓް ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތް މިއަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ވަނީ 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފިނޭންސުން ބުނީ މިއީ މިދިޔަ އަހަރަށް ވުރެ 400 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި ސަބްސިޑީސްތަކަށްވަނީ 2.8 ބިލިއަން ރުފިޔާ ހިމަނައިފައެވެ. ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރަނީ ފިއުލް ސަބްސިޑީ، ޓްރާންސްޕޯޓް ސަބްސިޑީ އަދި ކުންޏާއި ނަރުދަމާގެ ހިދުމަތުން ދޭ ސަބްސިޑީ އަށެވެ.

އެ ސަބްސިޑީސްތައް ފިޔަވައި ދެން ހުންނަ ސަބްސިޑީސްތަކަށް ބަޖެޓުގައި ހިމަނާފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެހެނިހެން ސަބްސިޑީތަކަށް ހޭދަކޮށްފައިވަނީ 246 މިލިއަން ރުފިޔާކަމަށް ފިނޭންސުން ބުންޏެވެ.

މިއަހަރު ސަރުކާރުން އެހެން އިތުރު ބޭނުންތަކަށް ދޭ ސަބްސިޑީތަކަށް ބޮޑު ހޭދައެއް ކުރަން ނިންމާފައިވެއެވެ. އެގޮތުން މެޑިކަލް ބޭނުންތަކަށް އެންސްޕާ މެދުވެރިކޮށް 77 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އާސަންދަ ސްކީމަށް ވަނީ 629 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.