އިނގިރޭސި ޕްރިމިއާ ލީގު

ރޮނާލްޑޯގެ ތަފާތާއެކު ޓޮޓެންހަމް ބަލިކޮށް، ޔުނައިޓެޑްގެ ކޯޗު ސޮލްޝެއާއަށް ހިތްހަމަޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދުމާއެކު، ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝެއާއަށް ކޮންމެވެސް ވަރަކަށް ޕްރެޝަރު ކުޑަވެއްޖެއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ ގޯލު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު، ދެވަނަ ގޯލު ޖެހީ އެޑިސަން ކަވާނީއެވެ. ކަވާނީގެ ގޯލަށް ފުރުސަތު ފަހިކޮށްދިނީ ފުރަތަމަ ގޯލު ޖެހި ރޮނާލްޑޯއެވެ. ޔުނައިޓެޑުގެ ތިންވަނަ ގޯލު މެޗު ނިމެން ދަނިކޮށް ޖަހައިދިނީ މާކަސް ރަޝްފޯޑެވެ.

މިދިޔަ ހަފުތާގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ލަދުވެދި ގޮތަކަށް ވާދަވެރި ލިވަޕޫލް އަތުން 5-0 އިން ބަލިވުމުން ކޯޗު ސޮލްޝެއާގެ މަގާމު ގެއްލޭނެ ކަމަށް ބެލެވުނެވެ. ޔުނައިޓެޑުގެ ބޯޑުން ސޮލްޝެއާގެ މަގާމާ މެދު މަޝްވަރާތައްވެސް ކޮށްފައިވާ އިރު، ސާ އެލެކްސް ފާގަސަންއާއި ބޯޑުން އޭރު ނިންމީ އަލުން ފުރުސަތެއް ދިނުމަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުން ރޭގެ މެޗަކީ ސޮލްޝެއާއަށް މަޖުބޫރު މެޗެކެވެ. ރޭގެ މެޗުން މޮޅު ނުވެވުނު ނަމަ ސޯލްޝެއާއަށް ޔުނައިޓެޑްގެ ކޯޗުކަން ގެއްލޭނެ ކަމަށްވެސް މީޑިއާތަކުން އޮތީ ރިޕޯޓުކޮށްފައެވެ.

ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ސޮލްޝެއާ ބުނެފައި ވަނީ މިދިޔަ ހަފުތާއަކީ ޔުނައިޓެޑްގެ ސަޕޯޓަރުންނާއި، ކުޅުންތެރިންގެ އިތުރުން އޭނާއަށްވެސް އުނދަގޫ ހަފުތާއެއް ކަމަށާއި، ރޭގެ ނަތީޖާއަކީ މުޅި ހަފުތާ ތެރޭގެ މާޔޫސްކަން ފިލުވާލަން ލިބުނު ފުރުސަތު ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރު ސޮލްޝެއާ ފާހަގަކޮށްފައިވެއެވެ.

ރޭގެ މެޗުގެ 39 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. ބްރޫނޯ ފެނާންޑޭސް މަތިން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ރޮނާލްޑޯ ވަނީ ވޮލީއަކުން ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފައެވެ. ޔުނައިޓެޑުން ދެވަނަ ހާފަށް ނުކުމެ ލީޑު ފުޅާކުރި އެޑިސަން ކަވާނީގެ ގޯލުންނެވެ. މެދުތެރެއިން ފެނާންޑޭޒް ރޮނާލްޑޯއަށް ދިން ބޯޅަ، އޭނާ ކަވާނީއަށް ހުސްކޮށްލީ ފަސޭހަ ޕާހަކުންނެވެ.

ޔުނައިޓެޑްގެ ތިންވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ރަޝްފޯޑެވެ. މެޗުގެ 86 ވަނަ މިނެޓުގައި ނަމަންޔާ މަޓިޗް ދިން ބޯޅަ ރަޝްފޯޑް ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފައެވެ. ޓޮޓެންހަމްގެ ފަރާތުން މެޗުގައި ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މިއީ މިހާތަނަށް މި ސީޒަންގެ ލީގުގައި ޓޮޓެންހަމް ބަލިވި ފަސްވަނަ މެޗެވެ.

ޓޮޓެންހަމަށް ދިހަ މެޗުން 15 ޕޮއިިންޓް ލިބިފައިވާ އިރު، އެ ޓީމު އޮތީ ލީގުގެ އަށް ވަނައިގައެވެ. މެޗުން މޮޅުވި ޔުނައިޓެޑް އޮތީ ކުޅުނު ދިހަ މެޗުން 17 ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ ފަސް ވަނައިގައެވެ.