ގްލަސްގޯގައި މާދަމާ ފަށާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26) ސަމިޓްގައި، ހޫނުމިން 1.5 ޑިގްރީސެލްސިއެސްގައި ހިފަހައްޓަން، ރާއްޖޭން އަޑު އުފުލާނެ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަސަައްކަން ކުރައްވާނެ ކަމަށް މިނިސްޓާ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ "ވަން" އޮންލައިންގެ "އެކްސްކްލޫސިވް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ރާއްޖެއަށް ދިމާވާ ތިމާވެށިގެ މައްސަލަތައް ފާހަގަ ކުރައްވައި، މިނިސްޓަރު ޝައުނާ ވިދާޅުވީ، ރަށް ގިރުމާއި، ފެންފަށަލަ ތަޣައްޔަރު ވުމާއި، ފެންބޮޑުވުމުގެ ވާހަކަ ނުދައްކާ އެއްރަށްވެސް ނޯންނަ ކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ރަށްރަށަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް، ދައުލަތުގެ މުޅި ބަޖެޓުގެ ފަންސާސް ޕަސެންޓާ ގާތަށް ހަރަދު ކުރާއިރު އެ މައްސަލަތަކަކީ ހައްލު ނުކޮށް ދޫކޮށް ނުލެވޭނެ މައްސަލަތަކެއް ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކާއި މާލީ އިދާރާތަކުން ހަރަދު ކޮށްދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނޫންނަމަ ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން ބާއްވާ އެންމެ ބޮޑު ސަމިޓަށް ރާއްޖެ ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މާދަމާ ފަށާ ކޮޕް ސަމިޓްގައި ރާއްޖޭގެ އަޑު ފުޅާ ދާއިރާއެއްގައި އުފުލާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެ ކޮންފަރެންސްގައި ދުނިޔޭގެ ގާތްގަނޑަކަށް 120 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވާނެ، މިއި 12 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ކޮޕް ސަމިޓް ގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު، ރާއްޖޭގެ މިއަޑު ބައިނަލްއަގުވާމީ އެކި އެކި ގައުމުތަކުގައި އިއްވާނެ، އަދި 1.5 ޑީގްރީ ސެލްސިއެސްގައި ހޫނުމިން ހިފެހެއްޓުމަށް މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން މި ވާހަކަ ދައްކަނީ، އަދި ރާއްޖެ ފަދަ ގައުމުތަކަށް މި ލިބޭ ގެއްލުންތައް ހައްލު ކުރުމަށް ތަރައްގީ ވެފައިވާ ގައުމުތަކުން އެބަޖެހޭ ހިލޭ އެހީގެ ގޮތުގައި ފައިސާދޭން މިދެކަމުގެ މައްޗަށް ވަކާލާތު ކުރާނަން،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
ކޮޕް 26
ކޮޕް 26
ކޮޕް 26
ކޮޕް 26