ޚަބަރު

ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ހިއްސާކުރަން ލިބޭ ފުރުސަތެއް: ސަރުކާރު

އދގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނޭ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27) އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގުވާމީ މުޖުތަމައުއާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

މިސްރުގެ ޝަރްމުއްޝެއިހްގައި މާދަމާ ފަށާ ކޮޕް27 ސަމިޓުގައި މި ފަހަރު ރާއްޖޭން ބައިވެރިވާ ވަފުދުގެ އިސް ވެރިއެއްގެ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ވަނީ މިސްރަށް ވަޑައިގެންފައެވެ.

ކޮންފަރެންސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ޝަރްމުއްޝެއިހް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. މި ކޮންފަރެންސްގައި ނައިބު ރައީސް އަންނަ ހޯމަ ދުވަހު ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން ދެއްވާނެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް)ގެ ހައްގުގައި އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަކާލާތުކުރައްވަމުން ގެންދަވާ ކަމަށެވެ.

2030އާއި ހަމައަށް ދާއިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލުކުރުމަށް އަމާޒު ހިފާފައި ވާކަން 2019 ވަނަ އަހަރު ރާއްޖޭން އިއުލާން ކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ވިލުންވެރިކަން އިތުރުކުރުމުގައި ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކުރިމަތިވާ މާލީ ދަތިތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ގިނަ ގައުމުތައް އެކުވެގެން އުފައްދާފައިވާ މުއައްސަސާތަކުގައި ރާއްޖެއިން ބައިވެރިވުމުގެ އިތުރުން ގައުމީ ފެންވަރުގައިވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.