ޚަބަރު

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ނަޝީދު މާލެ ވަޑައިގެންފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވީ އެމިރޭޓްސްގެ ފްލައިޓެއްގައެވެ.

ސްކޮޓްލޭންޑުގެ ގްލާސްގޯގައި މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ ތިމާވެށީގެ ބޮޑު ސަމިޓް، ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއަށްފަހު، ބޭސްފަރުވާއަށް ރާއްޖޭން ބޭރުގައި ގާތްގަނޑަކަށް ފަސް މަސްދުވަހުގެ މުއްދަތެއް ހޭދަކުރެއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ 11ގައެވެ.

ކުރިން ނަޝީދު ހޮޓެލް ޖެންގައި ހުންނެވި ނަމަވެސް، ދެން ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވަގުތީ ގެކޮޅުގެ ގޮތުގައި ހަމަޖެއްސި މ. މުރައިދޫގޭގައެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ، މުރައިދޫގޭގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ ކަމަށާއި އެތަނަށް މިހާރު މީހުންނަށް ބަދަލު ވެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ އެތަން އަދި ރަސްމީކޮށް ހަވާލު ނުކުރާ ކަމަށް ވިދާޅުވިއެވެ.

ސިފައިންގެ ކުންފުނި، ސިފްކޯ އިން މުރައިދޫގެ މަރާމާތުކޮށް ނިންމާލި އިރު، ގެ ހުންނަ މަގުގެ ދެ ފަރާތުގައި ރަތް ރޮނގު ދަމައި ރެޑް ޒޯނެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އޭގެ މާނައަކީ އެ ސަރަހައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުންވެސް މަނާވާނެއެވެ.

އޭގެ އިތުރުން އާބުރުޒު މަގުން ވަދެވޭ ގޮތަށް ހުންނަ ހައިކޯޓު ކުރިމަތީގައި އޮންނަ ޕާކިން ޒޯނުން އެއް ބައި ހުސްކޮށް، މުރައިދޫގޭގެ ވަލު ދޮރާށިން ވެހިކަލް ވަދެ ނުކުމެވޭ ގޮތަށް ވަނީ ހަދައިފައެވެ.