އިޖިޕްޓުގައި މިއަހަރު ބާއްވާ ޔުނައިޓެޑް ނޭޝަންސްގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރިލަންކާ ތަމްސީލުކުރެއްވުމުން އެ މަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއާމެދު އޮތް ގަދަރު ކުޑަކަން ހާމަވާ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
ނަޝީދު ވަނީ ކޮޕް27 ގައި ސްރީ ލަންކާގެ ވަފުދެއްގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު އިޖިޕްޓަށް ފުރާވަޑައިގެންފައެވެ. ނަޝީދަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ކްލައިމެޓް އެޑްވައިޒަރެވެ. އެ މަގާމަށް ނަޝީދު އައްޔަން ކުރެއްވީ ނޯވޭގެ ކުރީގެ މިނިސްޓަރު އެރިކް ސޮލްހައިމްއާ އެކުގައެވެ. ސަމިޓުގައި ރާއްޖެ ތަމްސީލު ކުރައްވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ނަޝީދު ކޮޕް27 ގައި ސްރީ ލަންކާ ތަމްސީލުކުރައްވާނީ ވަރަށް ގިނަ ސިޔާސީ ފަރާތްތަކުން ވަނީ އެކަމާ ފާޑު ވިދާޅުވެފައެވެ.
ނަޝީދަށް ފާޑު ކިޔައި އެމްއާރްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮޕް27 ގައި ނަޝީދު އެހެން ގައުމެއް ތަމްސީލު ކުރެއްވުމަކީ ރާއްޖޭގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ރޫހާ ހިލާފު އަދި މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް އޮޅުން އަރާގޮތަށް އެ މަނިކުފާނު ކުރައްވާ އަމަލެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއިން ވެސް ބައިވެރިވާ ބައިނަލްއަގުވާމީ ކޮންފަރެސްއެއްގައި، އެހެން ގައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެ މަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެކެވެ،" އެމްއާރްއެމުން ބުންޏެވެ.
އެމްއާރްއެމްއިން ބުނީ، ރައީސްކަން ކުރައްވާފައިވާ އަދި މިހާރު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައި ނަޝީދު އެހެން ގައުމެއްގެ ތަމްސީލުކުރައްވާތީ ކަންބޮޑުވާ ކަމަށެވެ.
އެމްއާރްއެމްގެ ރައީސް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެސް ވަނީ ނަޝީދަށް ފާޑުވިދާޅުވެ، ޓްވީޓެއް ކުރައްވައިފައެވެ. އެގޮތުން މައުމޫން މިއަދު ވިދާޅުވީ، ނަޝީދު އެ ކުރައްވަނީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބުންކަމަށްވާ އާޒިމާ ޝުކޫރު އާއި ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ނަޝީދު ސްރީ ލަންކާ ތަމްސީލުކުރައްވާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު