"ކޮޕް26" ގައި ބައިވެރިވެވަޑައިގަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، ރައީސް ނަޝީދު ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ކޮޕް26 ކުރިޔަށް ދާނީ ސްކޮޓްލޭންޑުގެ ގްލާސްގޯގައި މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޔުނައިޓް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް، ނުވަތަ ކޮޕް26 އަކީ ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ. އަދި މި ކޮންފަރެންސަކީ ތިމާވެއްޓާ ގުޅުން ހުރި މައްސަލަތަކުގައި މަޝްވަރާކުރުމަށް ދުނިޔޭގެ ލީޑަރުންގެ ފެންވަރުގައި ބައްދަލުވެވަޑައިގަންނަވާ އެންމެ ބޮޑު ކޮންފަރެންސްވެސް މެއެވެ.

ވަން މީޑިއާގެ "ވަން އެކްސްކްލޫސިވް" ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން، ރާއްޖޭގެ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި މިހާތަނަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި މި ފަހަރުގެ ކޮޕް ކޮންފަރެންސްގައި ދުނިޔޭގެ 120 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ފަހަރުގެ ކޮންފަރެންސްގައި ރާއްޖޭގެ ތިމާވެއްޓާ ގުޅުން ހުރި އެންމެ ސީރިއަސް މައްސަލަތަކާ ގުޅޭ ގޮތުން އަޑުއުފުލާނެ އެވެ. އޭގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލުމަށް މެދުވެރިވާ ސަބަބުތަކާއި އެކަންކަމުން ރާއްޖެ ހިމާޔަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުން ހިމެނެ އެވެ.

ކޮޕް26 ގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ބޮޑު ވަފުދެއް ބައިވެރިވަޑައިގަންނަވާނެ އެވެ. އެ ގޮތުން ރައީސް ސޯލިހުގެ ދުބާއީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ސީދީ ދުބާއީއަށް ފުރާވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ.