ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބޮޑުބޭބެ 20 އަހަރަށް ޖަލަށްލާން ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ޖިންސީ ގޯނާކުރި މައްސަލަ ސާބިތުވެ، 20 އަހަރަށް ޖަލަށް ލާން މިއަދު ހައި ކޯޓުން ހުކުމްކުރީ ދަފްތަރު ނަމްބަރު 1816، މާލެ، ހަސަން ރަޝީދުގެ މައްޗަށެވެ.

ދައުލަތުން 2015 ވަނަ އަހަރުގެ ތެރޭގައި އެ މައްސަލަ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ. ދައުލަތުން ހަސަން ރަޝީދުގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ، 2015 ވަނަ އަހަރުގެ މެއި މަހު 25 ވަނަ ދުވަހުގެ ކުރިން ހަސަން ރަޝީދު އޭނާގެ އެއްބަނޑު ކޮއްކޮއްގެ އަންހެން ދަރީގެ ކުރިމަތި ފަރާތުގައި އަތްލައި، ކުއްޖާއާ މެދު ޖިންސީ އަމަލެއް ހިންގާފައިވާތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހު ހުކުމްކުރީ ހަސަން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެގޮތަށް ހުކުމްކުރީ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު ޖުމުލަ ގޮތެއްގައި ހުށަހަޅާފައިވާ ހެކިންނަކީ ކުއްޖާއާ މެދު ކަންވީގޮތް ކުއްޖާ، އެފަރާތްތަކަށް ކިޔައިދީފައިވާ ފަރާތްތަކުގެ ހެކިބަސް ކަމަށް ވުމުންނާއި، އެފަރާތްތަކުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ކުއްޖާގެ ފޫކޮޅުގައި ހަސަންބެ (ދައުވާ ލިބޭ ހަސަން ރަޝީދު) އަތްލާ ކަމަށް ކުއްޖާ ބުނެފައިވާކަން އެނގޭ ކަމަށެވެ. ނަމަވެސް ދައުވާއަކީ ކުރިމަތި ފަރާތުގައި އަތްލުން ކަމަށް ވެސް ހުކުމުގައިވެއެވެ.

އޭގެ އިތުރުން ދައުލަތުން ހުށަހެޅި ހެއްކެއް ކަމަށްވާ އާމިނަތު ފަޒްލީނާއާއި ފައުޒިއްޔާގެ ބަހުން އެ ގެއަކީ މީހަކު ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރެވިދާނެ ފަދަ މާހައުލެއް އޮތް ތަނެއް ނޫންކަން އެނގޭކަމަށް ވެސް ހުކުމުގައިވެއެވެ.

"..އަދި ކުއްޖާގެ ސައިކޮލޮޖިސްޓް ރިޕޯޓަށް ބެލުމުން، ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވުމުގެ ސަބަބުން ނަފުސާނީ ގޮތުން އަސަރެއް ކޮށްފައިވާކަން އެނގެން ނެތުމުންނާއި ކުއްޖާއަކީ ވަރަށް އެކުވެރި އަދި ވަރަށް އަދަބުވެރި ކުއްޖެއްކަން ފާހަގަވާ ކަމަށް ބުނެފައި އޮންނަ ކަމަށާއި، ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން އެ ރިޕޯޓަށާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން ކުުއްޖާގެ ފޫކޮޅުގައި ހަސަން ރަޝީދު އަތްލާފައިވަނީ ކޮން ދުވަހަކު، ކޮން ގަޑިއެއްގައިކަން ކުއްޖާ ބުނެފައި ނުވާ ކަމަށާއި، ކުއްޖާގެ ފޫކޮޅުގައި ހަސަން ރަޝީދު އަތްލާކަމަށް ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަށް ބަލާއިރު، ކުއްޖާއާ މެދު އެ އަމަލު ހިންގާފައިވަނީ ކޮން ދުވަހަކު ކޮން ވަގުތެއްގައިކަން އެނގެން ނެތުމުންނާއި ކުއްޖާގެ މެޑިކޯ ލީގަލް ރެކޯޑުގައި ކުއްޖާއަށް ޖިންސީގޮތުން ބެހިފައިވާކަމަށް ބެލެވޭކަމަށް ފާހަގަކޮށްފައިވާ އިރު، އެކަމަކީ ދާދި އަވަހަށް ނުވަތަ ގިނަ ދުވަސްތަކެއް ނުވަނީސް ޖިންސީ ގޮތުން ވެފައިވާ އަނިޔާއެއްކަން ކަނޑައަޅާފައި ނެތުމުންނެވެ..،" ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމާއެކު ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ދައުލަތުން ހައި ކޯޓުގައި ބުނެފައިވަނީ، މައްސަލައިގައި ލިބިފައިވާ ހެކިތަކާއި ގަރީނާތަކުގެ މައްޗަށް ބެލުމުން ކުއްޖާއާ މެދު ހަސަން ރަޝީދު ޖިންސީ އަމަލެއް ހިންގާފައިވާ ކަމަށް ކުއްޖާ ތަފާތު އެކި މީހުންގެ ގާތުގައި ބުނެފައިވުމާއި، ކުއްޖާއަކީ އުމުރުގެ ގޮތުން ވަރަށް ތުއްތު ކުއްޖަކަށްވާ އިރު، އެފަދަ ކަމެއް ދިމާވުމުން ނޫނީ ކިޔައިދޭން ނޭނގޭ ވާހަކަތަކެއް ދައްކާފައިވާކަން އެނގެން އޮތުމުންނާއި، ކުއްޖާގެ އުޅުމާއި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުންވެސް ކުއްޖާއަށް އަނިޔާވެފައިވާކަން އެނގެން އޮތުމުން ހަސަން ރަޝީދުގެ މައްޗަށް ޝައްކެތް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުވާ ލިބޭ ހަސަން ރަޝީދު ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފަށް ދައުލަތުން ހުށަހެޅީ މުއްދަތު ހަމަވި ފަހުން ކަމަށްވުމުން މައްސަލަ ބަލައިނުގަނެވޭނެ ކަމަށާއި ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް ނިންމީ މީގެ ކުރިން ހައި ކޯޓުން ބެލި މައްސަލައަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު ހުކުމްކުރީ ހަސަން ރަޝީދުގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާތީ 20 އަހަރަށް ޖަލަށް ލުމަށެވެ. އެގޮތަށް ހުކުމްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ޝައްކެތް ނެތް މިންވަރަށް ކުށް ސާބިތުކުރުމަށް ހުށަހަޅަން ޖެހޭ ހެކީގެ މިންވަރަށް ލުއި ދީފައިވާތީއެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައިވާ 12 ހެކީގެ ތެރެއިން ފަސް ހެއްކެއް ހުށަހެޅުމުން ކުށް ސާބިތުވާނެއެވެ. ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ފަސް ހެއްކަށްވުރެ މަދުން ހެކި ހުށަހެޅި ނަމަވެސް އެ ހެކިތަކުން ކުށްކުރިކަން އެނގޭނަމަ ކުށް ސާބިތުވާ ކަމަށް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

އެ މައްސަލަ ބެލި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު ހަސަން ޒަކަރިއްޔާއެވެ.