މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަންދިން ހަމަލާގެ މޭސްތިރިކަމަށް ބުނާ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް އާއި ހަމަ އެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި، ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކު ޝަރީއަތް ނިމެންދެން ބަންދުކޮށް، ވަކީލަކު ހަމަޖައްސަން ފަސްދުވަހުގެ މުއްދަތެއް ދިނުމަށް ކުރިިނަލް ކޯޓުން ނިންމައިފިއެވެ.

އެގޮތަށް ކުރިމިނަލް ކޯޓުން ނިންމީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑު އެހުމުގައެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދެމީހުންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެމީހުންގެ ތެރެއިން އަލިމަނިކަކީ، 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.

އެ މައްސަލައިގައި އަލިމަނިކު ޖަލަށްލާފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލައިފައިވެސް ވެއެވެ.

އޭގެ ފަހުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ ހުސްވި ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

މުހައްމަދު ތަސްލީމަކީ، އަމިއްލަ ކުންފުންޏެއްގެ އޮފީސްތެރޭގައި ބޮމެއް ހަދަން މަސައްކަތްކުރި މައްސަލައިގައި 2017 ވަނަ އަހަދު ހައްޔަރުކުރި މީހެކެވެ. މެއި ހައެއްގައި މަޖިލިސް ރައީސަށް ހަމަލާދިނުމަށް އިރުޝާދު ދިނީ އޭނާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.