ދިވެހިރާއްޖޭގެ ތާރީޚު

ކުއްލިއަކަށް އެތައް ބަޔަކު މަރުވި ފުވައްމުލަކު މާހުން ނުވަތަ ބޮޑު ރޯގާ، އުޑުމަތީން ފެނުނު ނަމާންކަމާއި ކުލަތަކުގެ ވާހަކަ

މުނީރު ހަސަން، ޏ. ފުވައްމުލައް

މީގެ ގާތްގަނޑަކަށް ނުވަދިހަ އަށް އަހަރު ކުރީން ފުވައްމުލަކުގައި ކުއްލިއަކަށް ވަރަށް ގިނަ އަދަދެއްގެ މީހުން މަރުވިއެވެ. ނަމަވެސް ރަށް ފަޅުކޮށްފައި ދާކަށް ނުޖެހެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިރޯގާ އަކީ ހުވަދު އަތޮޅަށް ދަތުރުކުރި ދޯނިފަހަރުގެ ތެރެއިން ދޯންޏަކުން ރަށަށް ބަލި މީހަކު އައުމުގެ ސަބަބުން ފެތުރުނު ރޯގާއެކެވެ. އޭރު ހުވަދު އަތޮޅުގައި ބަލި އޮތެވެ. ބައްޔަކީ އަރިދަފުސްރޯގާ އާއި އެކު އައި ގަދަހުމެއް ކަމަށް ދޫދޫ މަތިން ކިޔަމުން އައިސްފައިވެއެވެ.

އެދުވަސްވަރު ދަތުރުކުރާ ބަޔަކަށް ރޯގާ ފެތުރިފައި އޮތް ރަށަކަށް ދެވިއްޖެ ނަމަ ރަށަށް އައުމުން ބާލަނީ ފަންޑިތަ ހަދައިފައެވެ. 1923މ 1341ހ ގައި ފުވައްމުލަކުން ހުވަދު އަތޮޅަށް ދިޔަ ދޯނި ރަށަށް އައިއިރު އަލްމަރުހޫމް ބެއްޔުއްކަލޯ އޭ ކިޔާ މީހަކު ރަށަށް އައި އިރު އުޅެނީ ވަރަށް ބަލިވެއެވެ. އޭނާއަށް ނުވެސް ހިނގެއެވެ. އެއްގަމަށް ބޭލުމުގެ ކުރިން އޭރުގެ އާދަކާދަ އާއި އެއްގޮތަށް ފަންޑިތަވެރިޔާ ވަޑައިގެން ފަންޑިތަ ހެއްދެވިއެވެ. މިފަންޑިތަ ހެދިގޮތަކީ ގޮނޑުދޮށަށްވުރެ މަތީގައި ރާޅުގެ ކުރިނުފޯރާ ހިސާބުގައި ދެ ދަނޑި ޖަހައި މަތީގައި އެއިގެ ދަށުން ދެވޭ ގޮތަށް ރޯނެއް ދަމައި ރޯނުގެ ދެކޮޅުގައި ބޮންތިފަނުގެ ފަންވަތުގައި ނަޖާސޫތާނު ލިޔެ އެލުވާފައި އެދެ ފަން ދެމެދުން އެއްގަމަށް ގެންދަނީއެވެ. މިހެން ގެންދާއިރު ފަންޑިތަވެރިޔާ އެމީހާގެ އަތުގައި ހިފައި ޔާސީން ސޫރަތް ކިޔަވައިފައި ނޫނީ މީހަކު އެއްގަމަކަށް ނުގެންދާނެއެވެ.

ފަންޑިތަވެރިޔާ ހުންނަނީ އެއްކަލަ ދެ ދަނޑީގެ ވަށައިގެން އަނެއް (ރޮނގެއް) އަޅައިގެން އެރޮނގުގެ އެތެރޭގައެވެ. މިގޮތަށް ފަހަރަކު މީހަކު އެއްގަމަށް ފޮނުވަމުން ގޮސް ކުރިން ދެންނެވި އަލްމަރުހޫމް ބެއްޔުއްކަލޯ އެއްގަމަށް ގެންދިޔައީ އެނދަކަށް ލައިގެންނެވެ.

މިފަންޑިތަ ހެއްދެވީ ކަރައްޔެ އަލްމަރުޙޫމް މުޙައްމަދުދީދީ އެވެ. މި މުޙައްމަދުދީދީ އަކީ ފުވައްމުލަކު ގައި ހުންނެވި އަލްމަރުހޫމް އިބުރާހީމް ފާމުލަދޭރި ކިލަގެފާނުގެ އަލްމަރުޙޫމް މުޙައްމަދު ދީދީގެ އަލްމަރުޙޫމް އިބުރާހިމް ދީދީގެ އަލްމަރުޙޫމް މުހަންމަދު ދީދީ އެވެ. ދެތިންދުވަސް ތެރޭގައި އަލްމަރުޙޫމް ބެއްޔުއްކަލޯ ނިޔާވެއްޖެއެވެ.

އެއިގެފަހުން ފުރަތަމަ ބަލި ޖެހުނީ ދޮންދާރީގޭ އަލްމަރުޙޫމާ ފަތިންދިއެއަށެވެ. އެއިގެފަހުން ދިއައްކޮއަގެ އަލްމަރުޙޫމް ރެކިދިއައަށެވެ މި ދެމީހުން ވެސް ބަލީގައި ގިނަދުވަސްތަކެއް ނުވެ ނިޔާވެއްޖެއެވެ. މިހިސާބުން އެކީ އެކައްޗަކަށް ރަށު ތެރެއަށް ބަލި ފެތުރިއްޖެއެވެ. މަހެއްގެ މައްޗަށް ދިހަބާރަމީހުން ފަނަރަ ސޯޅަ މީހުން ވެސް މަރުވެފައިވާ ކަމުގައި ކިޔައިއުޅެއެވެ.

ބަލީގެ ކުރީކޮޅު މުހަންމަދުދީދީ ވެސް އަވަހާރަ ވެއްޖެއެވެ. ދޫދޫމަތިން އަޑު އިވިފައިވާ ގޮތުގައި އޭރު ރަށުގެ އާބާދީގައި 2000 މީހުން ވެސް ހަމައެއް ނުވެއެވެ. ރަށުގައި މީހުން ވަޒަންވެރިވެ އުޅުނު ނުވަ އަވަށް އޭރު އޮތެވެ. އެއީ ދަޑިމަގު، ދިގުވާނޑު، ހޯދަޑު، މާދަޑު، ދަށުކުބާ، މިސްކިތްމަގު، ފުނާޑު، މާލެގަން، ދޫނޑިގަމެވެ.

މިއިން އަވަށެއްގައި ކިރިޔާ ތެދުވެ އުޅެވޭވަރުގެ އަށެއް ނުވައެއް މީހުނަށްވުރެ ގިނައިން އޭރު ނެތް ކަމަށް ވެސް ވަނީ އަޑުއިވިފައެވެ. އަދި އެމީހުން ވެސް ތިބެނީ ބަލިޖެހި ހަކަތަ ދެރަވެފައެވެ. އެހެން ކަމުން މަރުވާ މީހުން ދުވަހުން ދުވަހަށް ވަޅު ނުލެވި ތިބޭ ކަމަށާއި ހިތްވަރު ހުންނަ ބަޔަކު މަރުވާ މީހުން ވަޅުލަނީ ކަމަށާއި އެމީހުންނަކީ މީހުން ވަޅުލުމަށް ހުއްދަ ދެވިފައިވާ މީހުން ނޫން ކަމަށް ވެސް ވާހަކަ ކިޔަމުން އައިސްފައި ވެއެވެ.

އެހާ ބަލިބޮޑު ވުމާއިއެކު ކައްކާކެއުމަކީ ވެސް ކުރެވޭ ވަރަށްވުރެ ބޮޑު ކަމަކަށް އޮތީ ވެފައެވެ. މީހެއްގެ ޙާލު ބަލައި އެހީތެރި ވެދެވޭ ފަދަ ބަޔަކު ތިބި ކަމަކަށް ނުވެއެވެ. މިބަލިމަޑުކަމުގައި މަރުވި މުސްކުޅި އުމުރުގެ އަންހެނަކު ހިނަވަން އައިސް އުޅުނު މީހުންނަށް އެމީހާގެ އަނގައިގެ ތެރެއިންނާއި ކަރުބުޑުން ކާށި ބުރިބުރި ފެނުނު ވާހަކަ އަކީވެސް ރަށުގައި މަޝްހޫރު ވާހަކައެކެވެ. ހީވާ ގޮތުން އެމީހާ ބަނޑުހައިވެގެން ކޮންމެވެސް ގޮތަކުން ހޯދި ކާއްޓަކުން އުފުރި ކާށި ކާން އުޅެއުޅެ ނުކެވި އުޅެނިކޮށް ބަނޑަށް މަރުވީއެވެ. އެގޭގައި ތިބި ހުރިހާ އެންމެންނަކީ މިބަލިޖެހިފައި ތިބި މީހުންނެވެ.

އެދުވަސްވަރު އުޑުމަތީގައި ހުންނަނީ މަޑު ރީނދޫ ކުލައެއް ކަމަށާއި އަވީގައި ވެސް ހުންނަނީ އެކުލަ ކަމަށް ބުނެއުޅެތެވެ. އުޑުމަތި ފެންނަނީ ނާމާން ސިފަޔަކަށް ކަމަށާއި ކާޅު ގޮވަނީވެސް އާދަޔާ ޚިލާފަށް އަޑުބާރުކޮށް ކަމަށް ވެސް ކިޔައި އުޅުނެވެ.

މިބަލީގައި މަރުވި ހުރިހާ މީހުންގެ މަޢުލޫމާތު ނުލިބުނުކަމީ ވެސް ދެރަކަމެކެވެ. އެދުވަސްވަރު އިރު އޮއްސުމަށްފަހު ގެއިން ބޭރަކަށް ނުނިކުމެއެވެ. އިރު އޮއްސުމުގެ ކުރިން ބޯނެފެނާއި ބަދިގޭގައި ކައްކާފައި ހުރި އެއްޗެއް ހުރި ނަމަ އެއެއްޗެއް ގެއަށް ވައްދައި ދޮރުފަތް ލައްޕައި ބަންދުކުރެއެވެ. ބައްތި ދިއްލާފައި ހުންނައިރު ބައްތީގެ ހުޅުގަނޑުގައި ވެސް މަޑު ނޫކުލައެއް ހުންނަ ކަމަށާއި ފާޑެއްގެ އަޑެއް ހުންނަ ކަމުގެ ވާހަކަ ވެސް ކިޔާތީ އަޑުއިވުނެވެ. ކޮންމެއަކަސް އެއްގެއިން އަނެއް ގެއަށް ދިއުމާއި ބައްދަލުވެ އުޅުން ހުއްޓިފައި އޮއްނަތާ ހަތަރު މަސް ފަހުން ރަށުން މިރޯގާގެ ބަލިމަޑުކަން ފިލައިގެން ދިއައީ އެތައް ބަޔަކު މަރުވުމުގެ ފަހުންނެވެ. މިރޯގާގައި މަރުވި މީހުންގެ ޖުމުލަ މަޢުލޫމާތު އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

********

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާ ކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.