ޚަބަރު

ކަނޑޫދޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ޒިންމާ ނަގާނެ ބަޔަކު ނޭނގިގެން ހުރިހާ މުއައްސަސާއެއް ކޮމެޓީއަށް

އިބްރާހިމް ޒަކީ

3

ތ. ކަނޑޫދޫގައި ގަވާއިދާ ހިލާފަށް ވަޒަންވެރި ވެ، ދިރިއުޅެމުން އަންނަ ބިދޭސީންގެ ސަބަބުން އެ ރަށު ރައްޔިތުންނަށް އުނދަގުލާއި ތުރާތައް ކުރިމަތިވަމުންދާތީ އެމީހުން ރަށުން ބާލައިގެން ގެންދިއުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ހުށަހަޅި މައްސަލައަކާ ގުޅިގެން އެޓާނީޖެނެރަލް (އޭޖީ) އާއި އިމިގްރޭޝަން އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި ލޭބާ ލިރޭޝަން އޮތޯރިޓީ އާއި ފޮރިން މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ހިދުމަތް އެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެކަމާގުޅިގެން އިއްޔެ އެކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުމާ ގުޅިގެން، އެކަން ބެލުމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީ އާއި އެލްޖީއޭ އާއި ޕޮލިސް އަށް ކޮމިޓީން ލިޔުމުން ދީފައިވާ ޖަވާބުތަކަށް ބަލާއިރު އެއިން އެއްވެސް ފަރާތަކުން ޒިންމާ އުފުލާފައި ނުވާ ކަމަށެވެ. އަދި އެފަރާތަކުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ބިދޭސީން ރަށުން ބޭލުމަށް ހުށަހަޅާފައި ވަނީ ހަގީގަތުގެ މައްޗަށް ބިނާކޮށް ކަމަށް އެނގިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެކަން ފުލުހުން ބެލި ބެލުމުން ގަވާއިދާ ހިލާފަށް އެރަށުގައި ގިނަ އަދަދެއްގެ ބިދާސީން އުޅޭ ކަމާއި، ކައުންސިލުން ހުއްދަ ނުދޭ ބިންތަކުގައި އެމީހުން ދަނޑުވެރިކަން ކުރަމުން ދާކަމާއި އެކަމާ ގުޅޭ އެހެނިހެން ކަންތައްތައް ވެސް ފާހަގަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއީ ޖިނާއީ ކުށަކަށް ނުވާތީ އެމީހުންނަށް ފިޔަވަޅު ނޭޅޭނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލަތަކުގައި ޒިންމާ އުފުލަން ޖެހެނީ ކޮން ފަރާތެއްތޯ ބެލުމަށާއި އެކަމުގައި ކަންތައް ހިނގާ ގޮތާމެދު ޖަވާބުދާރީ ކުރުވަން ކޮމިޓީގެ މެންބަރުންގެ އެދުމާއެކު އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ނިންމީ ކަަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟