ޚަބަރު

ޖަޕާނުން ރާއްޖޭގެ ސިއްހީ ދާއިރާއަށް 14.6 މިލިއަން ރުފިޔާގެ އެހީ

ރިފާ ހަލީލު

ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންނާއި ރާއްޖޭގައި ވެކްސިން ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖެއަށް 14.6 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މިސް މަރްޖާން މުންތަޒިމީ އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއާސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ގާއިމު ކުރުމަށްޓަކައި ބޭނުންވާ ފްރީޒާއި ފިނިހޫނުމިން ވަޒަންކުރާ އާލާތްތަކާއި އިންފޮމޭޝަން ޓެކްނިލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހިމެނޭ ކަމަށެވެ.

މިއަދު ހަވާލުކުރި ތަކެއްޗާއި މިޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާއެކު މުޅި ޖުމުލަ 950،000 އެމެރިކާ ޑޮލަރު (14.6 މިލިއަން ރުފިޔާ) ގެ އެހީ މިޕްރޮޖެކްޓުގެ ތެރެއިން ސިއްހީ ދާއިރާއަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް މެދުނުކެނޑި ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މިފަދަ ކޮންމެ ހާލަތެއްގައި ޔުނިސެފާއި ޖަޕާން ސަރުކާރުގެ ފަރާތުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ އެކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.