ލ ގަން ހައިވޭގައި ދުއްވާފައިދިޔަ ފުލުހުންގެ ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގި މައްސަލަ ބަލަންފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ލ ގަން ހައިވޭގައި ދުއްވާފައިދިޔަ ފުލުހުންގެ ކާރެއް ފުރޮޅާލައި މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ކާރު ދުއްވާފައިވަނީ ކާރު ދުއްވުމުގެ ލައިސެންސް އޮންނަ ފުލުހެއް ކަމަށާއި، އޭނާއަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި އިނީ ހަމައެކަނި ޑްރައިވަރު ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން ގަމު ހޮސްޕިޓަލް ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝިޔާމް ވިދާޅުވީ، ހެނދުނު ގާތްގަނޑަކަށް 9:00 އެހާކަށްހާއިރު އެކްސިޑެންޓެއް ހިނގައިގެން ފުލުހަކު ފަރުވާ ހޯދުމަށް ދިޔަ ކަމަށެވެ. އެހެން ނަމަވެސް މާ ބޮޑު އަނިޔާއެއް ވެފައި ނެތް ކަމަށާއި އަތުން ތަންކޮޅެއް މަށައިގެން ގޮސްފައިވާ ކަމަށެވެ. ފަރުވާ ދިނުމަށްފަހު އޭނާ ދޫކޮށްލާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ވަން" އަށް މައުލޫމާތު ދެމުން ކާރު އެކްސިޑެންޓް ހިނގި ވަގުތު އެތަނުގައި ހުރި ގަމު މީހަކު ބުނީ، ކާރު އެކްސިޑެންޓް ވެފައިވަނީ ދުއްވާފައި ދިޔަލެއް ބާރުކަމުން ކޮންޓްރޯލް ނުވެގެން ފުރުޅާލައިގެން ކަމަށެވެ. އޭނާ ބުނީ ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
"އަޅުގަނޑު ގަމުން ކައްދޫއަށް ދިޔަ މަގުމަތީގައި އެއީ. އޭރު ގާތްގަނޑަކަށް ހެނދުނު 8:30 ވާނީ. އަޅުގަނޑަށް އެހިސާބަށް އާދެވުނު އިރު ފުލުސްމީހާ ހުރި ކާރުން ފައިބައި. އަޅުގަނޑު އަހާލީމަ ބުނި އެއްވެސް އަނިޔާއެއް ނުވާ ކަމަށް. ކާރު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި. އަދިވެސް ކާރު ނުނެގޭ. މިހާރު އެމްއެންޑީއެފް އިން ކާރު ނެގުމުގެ މަސައްކަތް އެބަ ކުރޭ." އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު