ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ބައެއް އިސްވެރިން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
އެމްއެންޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީގެ ދަފުތަރުގައި އެޕާޓީ ހިމެނުމާ ގުޅިގެން ރައީސް ނަޝީދުގެ ދައުވަތަކަށް އެޕްޑީޕީގެ އިސްވެރިންނާއެކު ޕާޓީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ރާއްޖެއަށް މިވަގުތު ދިމާވެފައިވާ މުހިންމު އެކިއެކި ކަންކަމުގައި ދެ ޕާޓީ އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އެގޮތުން ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ މެދުގައި ޖުޑީޝަރީއާ މެދު އިތުބާރު އިތުރުކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި ވެރިކަން ހިންގުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ބަޔާނުގައިވެއެވެ.
"މިކަންކަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މި ޕާޓީގެ އެހީތެރިކަމަށް އެމްޑީޕީގެ ފަރާތުން އެދިފައިވެއެވެ..،" ބަޔާނުގައިވެއެވެ.
ނަމަވެސް ގައުމުގެ މުސްތަގުބަލާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން ޕާޓީގެ ގައުމީ ހިންގާ ކައުންސިލާއި ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މަޝްވަރާ ކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްއެންޕީގެ ރަޖިސްޓްރޭޝަނާ ހަވާލުވުމަށްފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަށް މިދިޔަ ހަފުތާގައި ރައީސް ނަޝީދު ދައުވަތުދެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ނަޝީދު ދެއްވި ދައުވަތު ގަބޫލުކޮށްފައިވާ ކަމަށާއި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު ކަމަށެވެ.
އެމްއެންޕީއާއެކު ނިޒާމުގެ މަޝްވަރާތައް ނަޝީދު ކުރައްވާފައިވާ އިރު، އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކުރައްވައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވައިފައެވެ.
ނަޝީދު ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ކަންކަން އިތުރަށް ކުރިއަށްގެންދާނީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް މިފަހުން ވިދާޅުވެފައެވެ.