ކަނޑުމަގުން ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި އެކަކު މިއަދު ކޯޓުން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި ދޫކޮށްލާފައިވަނީ ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހިމް، 26، އެވެ. ފުލުހުން މިއަދު ބުނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ވަނީ ޖުމާން މުސްތަފާ (19އ) އާއި ލ. ކަލައިދޫ/ ޖަނަވަރީމާގެ، މުހައްމަދު އަހުމަދު (34އ) ގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. އެ ދެމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ. އަދި ގއ. ކޮލަމާފުށި/ ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) ގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް އިތުރުކޮށްފައެވެ.
މިމަހުގެ 13 ވަނަ ދުވަހު ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑުރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފައެވެ. ދޫކޮށްލި ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެމީހުންނެވެ.
އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރާން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އެއީ ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ އާއި ދަށު ކޯޓަށް ހުށަހެޅުނު ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެ ކަމަށް ނުފެންނާތީއެވެ. އަދި އެ ދެމީހުންގެ މައްޗަށް އިތުރު ހެކި ގަރީނާ ހޯދިއްޖެ ނަމަ ހައްޔަރުކުރުމުގެ އާ އަމުރަކަށް އެދި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތީމަ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ފުލުހުން ވަނީ އެމައްސަލައިގައި ހައްޔަރުކުރި އަށް މީހެއްގެ ވަނަވަރު ހާމަކޮށްފައެވެ. ނަމަވެސް އެ ދެ މީހުންގެ މައުލޫމާތު ފުލުހުން އާންމެއް ނުކުރެއެވެ.
ދެން މި މައްސަލައިގައި ބަންދުގައި ތިބީ ހދ. ކުމުންދޫ/ ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ދ. ބަނޑިދޫ/ ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި ބަނގްލަދޭޝް/ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ބަނގްލަދޭޝް/ ޑީއެމް މޮބިން (24އ) އެވެ. އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެ އާއި މާލެ އަދި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައި ވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓައެވެ.
ޚަބަރު
ޚަބަރު
ޚަބަރު