ޚަބަރު

ޖައިލަމްގެ މަރު: އިތުރު ދެ ފުލުހެއްގެ ހެކިބަސް ނަގައިފި

މުހައްމަދު އިޝާން

ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑް ފްލާވާސްގޭ، ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އިތުރު ދެ ފުލުހެއްގެ ހެކިބަސް ނަގައިފިއެވެ.

ކުރިމިނަލް ކޯޓުގައި އެ މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައި މިއަދު ހެކިބަސް ނަގާފައިވަނީ ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު އާރިފައި، ޕޮލިސް ކޯޕްރަލް އަހުމަދު ފަޔާޒުގެއެވެ.

މުހައްމަދު އަރީފުގެ ހެކިބަސް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ނަގަން ނިންމާފައިވަނިކޮށް މާފުށި ޖަލުގެ އިންޓަނެޓް މައްސަލަ ޖެހުމުގެ ސަބަބުން ވަނީ ޝަރީއަތް ކެންސަލްކޮށްފައެވެ. މިއަދުގެ އަޑުއެހުން ވެސް ފެށިފައި ވަނީ 57 މިނިޓު ފަހުންނެވެ. އެއީ ވެސް މާފުށި ޖަލުގެ އިންޓަނެޓް ކަނެކްޝަން މައްސަލަ ޖެހުމާ ގުޅިގެންނެވެ.

މިއަދު އަޑުއެހުމުގައި ހެކިބަސް ދެމުން މުހައްމަދު އާރިފު ބުނީ، އޭނާ މަސައްކަތް ކުރަނީ ފުލުހުންގެ މުއައްސަސާގެ ފޮރެންސިކް ޑިޕާޓުމެންޓުގެ ކްރައިމް ސީން އިންވެސްޓިގޭޝަންގައި ކަމަށެވެ. ދައުލަތުގެ ފަރާތުން މުހައްމަދު އާރިފު ހުށަހެޅީ ޖައިލަމުގެ މަރުގެ ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ، ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށް ކުށް ސާބިތު ކުރުމަށެވެ. މުހައްމަދު އާރިފު ދައުވާ ލިބޭ ހުމެއިދުއާ ދެކޮޅަށް ހެކިބަސް ދެމުން ބުނީ، ހުމެއިދު ދިރިއުޅޭ ވ. ސިނަމާލެ ފްލެޓަށް ދިޔައީ ޖައިލަމް މަރުގެ މައްސަލަ ތަހުގީގުކުރާ ސީރިއަސް އެންޑް އޯގަނައިޒްޑު ކްރައިމް ޑިޕާޓްމެންޓުގެ ލާންސް ކޯޕްރަލް މުހައްމަދު ރަޝާދު ގުޅައި ބަލައިފާސް ކުރުމުގެ އޮޕަރޭޝަނަަކަށް ދާން ޖެހޭ ކަމަށް އެންގުމުން ކަމަށެވެ. މުހައްމަދު އަރީފު ބުނީ، އޭނާއަށް ވިލިމާލެ ދެވުނުއިރު އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އެހެން ފުލުހުން އޭނާ އަންނަންދެން ވިލިމާލެ ފެރީ ޓާމިނަލުގައި ތިބި ކަމަށެވެ.

ދައުލަތުގެ ފަރާތުން އެދިގެން މުހައްމަދު އާރިފު ވަނީ ހުމެއިދު ދިރިއުޅޭ ގެ ހުންނަ ގޮތް ކިޔައިދީފަ އެވެ. މުހައްމަދު އާރިފު ބުނީ، ހުމެއިދު ދިރިއުޅެނީ ސިނަމާލެ ހަތަރެއްގެ ފުރަތަމަ ފްލެޓުގައި ކަމަށެވެ. އެއީ ދެ ކޮޓަރީގެ ފްލެޓަކަށްވިޔަސް އެތަނުގެ ފާހަނާ ހުންނަނީ ކޮޓަރީއާ އެޓޭޗު ނުކޮށް ވަކިން ބޭރުގައި ކަމަށެވެ.

ދެން ދައުލަތުން އެހީ އެ ފްލެޓު ބަލައި ފާސްކުރުމުގެ ތެރެއިން ފެނުނު ތަކެތީގެ ތަފްސީލު ދިނުމަށެވެ. މުހައްމަދު އާރިފު އެކަމުގެ ތަފްސީލު ދެމުން ބުނީ، ފްލެޓުގެ އެއް ކޮޓަރީގައި ޑަބްލްޑެކު އެނދެއް ހުރި ކަމަށާއި އެ އެނދުގެ މަތީ ބައިން މެޑިކަލް ލިޔުންތަކެއް ފެނިފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެއް ލިޔުމަކީ ސާވިސް މެމޯއެއް ކަމަށާއި އަނެއް ލިޔުމުގައި ހުރީ އަތްތިލައެއް ކުރަހާފައި، އަތްތިލަ ކަނޑައިގެން ދިޔުމުގެ ސަބަބުން ދިން ފަރުވާގެ ތަފްސީލު ކަމަށެވެ. އެ ވަގުތު އޭނާ އެ ލިޔެކިޔުންތަކުގެ ފޮޓޯ ނެގި ކަމަށާއި، އެކަމާ ގުޅޭ ގޮތުން ތައްޔާރު ކުރި ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ޖައިލަމަށް ވަޅިން ހަމަލާދިން އިރު ހުމެއިދަށް ވެސް ވަނީ އަނިޔާވެފައެވެ. އަދި އެ މެޑިކަލް ލިޔުންތަކަކީ އެ ހާދިސާގެ ތެރެއިން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދި ލިޔުންތައް ކަމަށް ވެސް ދައުލަތުން ތުހުމަތުކުރެ އެވެ. ދައުލަތުގެ ފަރާތުން މުހައްމަދު އާރިފު ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅީ ހުމެއިދު ދިރިއުޅޭ ގެއިން މެޑިކަލް ލިޔުންތަކެއް ފެނުނުކަން ސާބިތުކޮށް ދިނުމަށެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ދައުވާލިބޭ ހުމެއިދުގެ ދިފާއީ ވަކީލު އަލީ ވިޝާމު ވަނީ ހެކިބަސް ދިން މުހައްމަދު އާރިފުއާ ސުވާލުކޮށްފަ އެވެ. އެގޮތުން ހުމެއިދުގެ ދިރިއުޅޭ ތަނަށް ވަނީ ކޯޓު އަމުރެއްގެ ދަށުންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި މުހައްމަދު އާރިފު ވިދާޅުވީ، އެގެއަށް ދިޔަ ފުލުހުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުނު ފަރާތުގެ އަތުގައި ހައްޔަރުކުރުމުގެ އަމުރެއް އޮތް ކަމަށާއި، އަމަރުގެ ދަށުން ގޭގެ ވެރިފަރާތް އިސްމާއީލް އަނީލު ހައްޔަރު ކުރި ކަމަށެވެ. ވިޝާމު ވަނީ ހައްޔަރުކުރި މީހާގެ މައުލޫމާތު އެނގޭތޯ ވެސް ސުވާލުކޮށްފައެވެ.

އެ ސުވާލާ ގުޅިގެން ދައުލަތުން ވިދާޅުވީ، ދިފާއުން ކުރައްވަނީ މުހައްމަދު އާރިފު ދިން ހެކިބަހާ ނުގުޅޭ ސުވާލުތަކެއް ކަމަށާއި، ހައްޔަރުކުރި މީހާއާ ގުޅޭ މައުލޫމާތާއި އޭނާ ގެންދިޔަ ތަނަކާ ބެހޭ ގޮތުން މުހައްމަދު އާރިފުއާ ސުވާލު ނުކުރެވޭނެ ކަމަށެވެ. އެއަށް ރައްދު ދެއްވަމުން ވިޝާމު ވިދާޅުވީ، ސުވާލު ކުރަނީ ދިން ހެކިބަހާ ގުޅޭގޮތުން ކަމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދިފާއުން ކުރީ ކުރަން ނުޖެހޭ ސުވާލުތަކެއް ކަމަށެވެ.

އެއަށްފަހު ދެން ކުރިއަށް ގެންދިޔައީ ޕޮލިސް ކޯޕްރަލް އަހުމަދު ފަޔާޒުގެ ހެކިބަސް ނެގުމެވެ. ދައުލަތުގެ ފަރާތުން އަހުމަދު ފަޔާޒު ހުށަހެޅީ މައްސަލައިގެ ދައުވާ ލިބޭ ހުރިހާ ފަރާތްތަކާ ދެކޮޅަށެވެ.

ހެކިބަސް ދެމުން އަހުމަދު ފަޔާޒު ބުނީ، ފުލުހުންގެ ކޮމާންޑު ސެންޓަރުން ހަންޑްރެޑް ގެ ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ދިނުމުން އެ ސީނަށް ހާޒިރުވި ކަމަށެވެ. އެ ސީނަށް ހާޒިރުވިއިރު ސީނުގައި ނޫސްވެރިން ތިބި ކަމަށާއި އޭރު ސީނު ބަންދު ނުކުރާ ކަމަށެވެ. އެހެންކަމުން ނޫސްވެރިން ފޮނުވާލައި ސީން ބަންދުކުރުމަށްފަހު ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރި ކަމަށެވެ. އެ ޕްރޮސެސް ކުރުމުގެ ތެރޭގައި ވަޅިއެއް ފެނުނު ކަމަށާއި، އަދި ވަރަށް ގިނަ އަދަދެއްގެ ލޭ ބިންމަތީގައި ހުރިކަމަށެވެ. ސީން އެއްކޮށް ޕްރޮސެސް ކޮށް ނިންމާލުމަށްފަހު ހެކީގެ ގޮތުގައި ބެލެވޭނެ އެއްޗެހި އެވިޑެންސް ކޮންޓްރޯލް ޔުނިޓަށް ހަވާލު ކުރި ކަމަށެވެ. އެވިޑެންސް ކޮންޓްރޯލް ޔުނިޓުން ސީނުން ގެނައި ހުރިހާ ހެކިތަކެއް ކަމާ ގުޅޭ ލެބޯޓަރީތަކަށް ފޮނުވާނެ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއަށް އަހުމަދު ފަޔާޒުއާ ސުވާލުކުރުމުގެ ފުރުސަތު ދެއްވައިފައެވެ. ދިފާއީ ވަކީލުންގެ ޓީމުގެ ވަކީލަކަށް ހުރި އަލީ ޝާހު ވިދާޅުވީ، އަހުމަދު ފަޔާޒުގެ ނަން އޮތީ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ގޮތުގައި ކަމަށާއި، ހެކިވެރިއެއްގެ ގޮތުގައި ނެތް ކަމަށެވެ. އެހެންކަމުން ދައުލަތަށް އަހުމަދު ފަޔާޒު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ނުކުރެވޭނެ ކަމަށާއި، ނަމަވެސް މައްސަލަ ބައްލަވާ ގާޒީއަށް ފެނިއްޖެ ނަމަ ޝަރީއަތުގެ ބޭނުމަކަށް ހާޒިރު ކުރެވިދާނެ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ގާޒީ ވިދާޅުވީ، ޝަރީއަތުން ނިންމީ އަހުމަދު ފަޔާޒު ހެކި ބަސް ނެގޭނެ ކަމަށާއި، މާނައަކީ އޭނާއަކީ ހެކިވެރިއެއް ކަމަށާއި، އެެ ނިންމުން ބަދަލު ނުވާނެ ކަމަށެވެ. ގާޒީގެ ވާހަކަތަކާ ގުޅިގެން އަލީ ޝާހު ވިދާޅުވީ، މިއީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދާ ޝަރީއަތަކަށް ވުމުން އަހުމަދު ފަޔާޒުއާ ސުވާލުކުރަން ބޭނުން ނުވާ ކަމަށެވެ. ދެން ތިބި ދިފާއީ ވަކީލުން ވެސް ވަނީ އަލީ ޝާހުގެ ވާހަކައަށް ތާއިދުކޮށްފައެވެ.

ދެން އޮންނަނީ މި މައްސަލައިގެ ބާކީ ތިބި ދެ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެއީ އޭޑިކޭ ހޮސްޕިޓަލުގެ ދެ ޑޮކްޓަރުންނެވެ. އޭގެ ތެރޭގައި ހިމެނޭ ބިދޭސީ ޑޮކްޓަރު ކޯޓަށް ހާޒިރު ނުކުރެވިއްޖެނަމަ ހާލަތެއްގައި އެކްސްޕާޓް އޮޕީނިއަންއެއް ހޯދުމަށް ދައުލަތުން ބޭނުންވާ ނަމަ އެކަމާ ގުޅޭ ލިއެކިޔުންތައް ހުށަހެޅުއްވުމަށް ޝަރީއަތުން ވަނީ އެދިފައެވެ. އަދި ޑޮކްޓަރު ހާޒިރު ނުކުރެވޭ ހާލަތެއްގައި ތަރުޖަމާނު ހާޒިރު ކުރުމާ ގުޅޭ ގޮތުން ލިއެކިޔުން ހުށަހަޅަން ގާޒީ ވަނީ އެދިފައެވެ. ނަމަވެސް ދިފާއުން ވިދާޅުވީ، މައްސަލައިގެ ދައުވާލިބޭ މީހުންނާއި ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންނަކީ ލިޔަންކިޔަން އެގޭ މީހުން ކަމަށްވުމުން ތަރުޖަމާނަކު ކޯޓަށް ހާޒިރުކުރަން ނުޖެހޭ ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބުއެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހު 21 ގައެވެ.