ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތް ނުކުރައްވާ އެއްވެސް ބަޔަކާއެކު އިދިކޮޅު ކޯލިޝަނުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ ރައީސް ޔާމީނާއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރައްވަން ބޭނުންނުވާ ކަމަށާއި ނަމަވެސް ޕީޕީއެމްގެ މެންބަރުންނާއެކު މަސައްކަތް ކުރައްވަފާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމަށް ރައްދުދެއްވައި އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ނުކުރައްވާ ބޭފުޅަކާއެކު ނުވަތަ އެފަދަ ސިޔާސީ ޕާޓީއަކާއެކު އިދިކޮޅު ދެ ޕާޓީ(ޕީޕީއެމް/ޕީއެންސީ) އިން މަސައްކަތް ނުކުރާނެ ކަމަަަށެވެ.
އެމްއެންޕީގެ ރަޖިސްޓްރޭޝަން ހަވާލުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށާއި އެއީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ.
"ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް އަޅުގަނޑަށް ގަބޫލު ނުކުރެވެނީ. އަޅުގަނޑަށް ގަބޫލުނުކުރެވޭ ސަބަބުތަކެއް އެބަހުރި. އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވައިގެން އެ ބޭފުޅެއްގެ އެކައުންޓަށް 100 މިލިއަން ރުފިޔާ ޖަމާވީމަ ދެން ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުގެ ޒަމީރު ގަބޫލުނުކުރަނީ ދެން އެފަދަ ބޭފުޅަކު އެ މަގާމަށް ގެނެސްގެން މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމެއް ކަމަށް،" ނާޒިމް ވިދާޅުވެފައިވެއެވެ.
މަސައްކަތް ނުކުރައްވަން ނިންމެވި ސަބަބު ހާމަ ކުރަމުން ނާޒިމް ވިދާޅުވީ އެމަނިކުފާނާއެކު މަސައްކަތް ނުކުރައްވަން ނިންމެވީ އަމިއްލަފުޅަށް ކުރެއްވުނު އެތައް ތަޖުރިބާތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމެއް ހާމަކުރައްވަން ބޭނުން ނޫން ކަމަށް ވިދާޅުވިއެވެ.
ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ފިސްތޯލައެއް ގެންގުޅުނު ކަމުގެ ކުށުގައި ނާޒިމަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު