ޚަބަރު

އެމްއެންޕީ ރަޖިސްޓްރީކޮށް، ޕާޓީތަކުގެ ދަފުތަރުގައި ހިމަނައިފި

މުހައްމަދު އިޝާން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މިއަދު ހިމަނައިފިއެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ ދިންތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 ސޮއި ހަމަކޮށް، އެ ޕާޓީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އަދި މިމަހުގެ ކުރީކޮޅުގައި އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވައި މަގާމުތަކަށް މީހުން ވަނީ ހޮވައިފައެވެ.

އެ ޕާޓީގެ ރައީސްއަކީ ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމުއެވެ. އެ ޕާޓީގައި ހަ ނައިބު ރައީސުން ތިބެއެވެ. އެއީ ވިލިމާގެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމާއި ތިމަރަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިތުރުން ހުސެއިން އިސްމާއިލާއި އަހުމަދު ޝަރީފު އަދި މިރްފަތު އިސްމާއީލް ޝަފީގެވެ.

މިއަދު ހަވީރު އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ އެމްއެންޕީން ނުކުތީ ރާއްޖޭގެ ކަންކަން ރަނގަޅުކޮށް ރައްޔިތުންނަށް ލާބަހުރި މަސައްކަތެއް ކުރުމަށްޓަކައި ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އުޅެނީ ފުދިގެން ނޫން ކަމަށް ގަބޫލު ކުރާ ކަމަށާއި ރައްޔިތުންނަކީ ފުދިގެން އުޅޭ ތަނަވަސް ބަޔަކަށް ހެދުމަކީ ޕާޓީގެ އަމާޒެއް ކަމަށެވެ.

ނާޒިމު ވިދާޅުވީ މިހާރު އެ ޕާޓީން އެންމެ އިސްކަމެއް ދެނީ އަންނަ އަހަރުގެ ބަޖެޓުގައި ސީދާ ރައްޔިތުންގެ ފުދުންތެރިކަމާ ގުޅުންހުރި ކަންކަން ހިމެނުމަށް ކަމަށެވެ. އަދި ރައްޔިތުންގެ ދަތިތައް އޮޅުންފިލުވުގެ ގޮތުން އަންނަ ހަފުތާގައި އެމްއެންޕީގެ ލީޑާޝިޕުގެ ބޭފުޅުން ހިމެނޭހެން އަތޮޅުތަކަށް ދަތުރުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.