ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވުމަށް އަދި އެއްވެސް މަސައްކަތެއް ކުރަން ވިސްނާފައިނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރަޖިސްޓްރޭޝަނާ ހަވާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ނާޒިމު ވިދާޅުވީ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ހޯދުމަށް އަދި ނުވިސްނާ ކަމަށާއި އެފަދަ މަސައްކަތެއް އަވަސް މުސްތަގުބަލެއްގައި ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ނާޒިމު ވިދާޅުވީ މާދަމާ މަޖިލީހުން އެމްއެންޕީއަށް ރިކޮގިނިޝަން ދެއްވާނެ ކަމަށެވެ. އެހެންކަމުން އެމްއެންޕީ ތަމްސީލު ކުރައްވާ ހަތަރު މެމްބަރުން މަޖިލީހުގައި ތިއްބަވާނެ ކަމަށެވެ.
މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ހަ މެމްބަރުންނާއެކު ޕީޕީއެމެވެ. ޕީއެންސީ ތަމްސީލު ކުރައްވާ ތިން މެމްބަރުން މަޖިލީހުގައި ތިބިއިރު ޖުމްހޫރީ ޕާޓީ ތަމްސީލު ކުރެއްވުމަށްވެސް ތިބީ ތިން މެމްބަރުންނެވެ. އަދި އެމްޑީއޭގެ ދެ މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ.
އެމްއެންޕީ އުފައްދަން ރަޖިސްޓްރީކުރި އިރު ގިނަ ބަޔަކު ބުނަމުން ދިޔައީ އެމްއެންޕީއަށް މަޖިލީހުގައި ތިބި އަމިއްލަ މެމްބަރުން ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޕީޕީއެމްއަށް މައިނޯރިޓީ ޕާޓީގެ މަގާމު ގެއްލޭނެ ކަމަށެވެ. އަމިއްލަ މެމްބަރުންގެ ތެރެއިން ރަސްމީކޮށް އެމްއެންޕީއާ ގުޅިފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އޭނާއަކީ މިހާރު އެމްއެންޕީގެ ނައިބު ރައީސެވެ. އުޝާމުގެ އިތުރުން ނޮޅިވަރަންފަރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް އެމްއެންޕީއާ ގުޅިވަޑައިގަތެވެ. ނަމަވެސް ފަހުން މޮސްޓާ ވަނީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމު އިތުރަށް ވިދާޅުވީ އެ ޕާޓީން މިހާރު އެންމެނ ބޮޑު އިސްކަމެއް ދޭނީ އަންނަ އަހަަރަށް ފާސްކުރާ ބަޖެޓުގައި ސީދާ ރައްޔިތުން ބޭނުންވާ ކަންކަން ހިމެނުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވުމަށް އެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން، އަންނަ ހަފުތާގައި އަތޮޅުތަކަށް ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު