ޚަބަރު

އިންތިހާބެއްގައި ވާދަކުރާނަމަވެސް އެކަން ކުރާނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް: ރައީސް ނަޝީދު

އިންތިހާބެއްގައި ވާދަކުރާ ނަމަ، އެކަން ކުރާނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަގުސަދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވާދަ ކުރައްވާ ނަމަ އެކަންވެސް ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.

"ސިޔާސީ ކޮންމެ އިންތިހާބެއްގެ މަގުސަދަކަށް ވާނީ މެންޑޭޓް ބަދަލުކުރުން. އެއީ ރިފަރެންޑަމަކަށްވެސް ވެދާނެ. ރިޔާސީ އިންތިހާބެއް ކަމަށްވެސް ވެދާނެ. އަޅުގަނޑު ކުރާ ކަމެއްގައި، މަސައްކަތް ކުރާނީ މެންޑޭޓް ބަދަލުކުރުމަށް،" ބަރުލަމާނީއަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 2008ގައި އާ ގާނޫނުއަސާސީ އެކުލަވާލި އިރު، އޭގެ ބޮޑު ބައެއް ހިމެނެނީ ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުން ކަމަށެވެ. ނަމަވެސް އެންމެ ފަހު މަރުހަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރިޔާސީ ސިފައެއްގައި ސަރުކާރު އެކުލަވާލެއްވި ކަމަށް ވިދާޅުވިއެވެ.

"މި ގާނޫނުއަސާސީ 12، 13 އަހަރު ދުވަސް ވަންދެން ތަންފީޒުކުރި އިރު، އޭގައި ހިޔާލު ތަފާތުވުންތައް ހުރިކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ. އަޅުގަނޑު މި ހުށަހަޅަނީ، ބާރުތައް މަޖިލީހާއި މިނިސްޓަރުންނަށް ހިއްސާ ކުރެވޭނެ އުސޫލެއް. އަދި ދެ ބާރު ނޯންނާނެ އުސޫލެއް. އޭރުން ވެރިކަން ތަރުތީބު ކުރެވި، އޮމާންވެގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.