ޚަބަރު

108 މީހަކު ޕޮޒިޓިވްވެ، ގުރައިދޫ މޮނީޓަރިންއަށް

އަލީ ޔާމިން

ކ. ގުރައިދޫގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ގުރައިދޫ ކައުންސިލް ރައީސް ހުސެއިން ޔާމީން މުހައްމަދު މިރޭ "ވަން" އަށް ވިދާޅުވީ ގުރައިދޫއިން އެންމެ ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ 19 ވަނަ ދުވަހު ކަމަށާއި އެއީ އަލާމާތްތައް ހުރެގެން ސާމްޕަލް ނެގި ތިން ފިރިހެނުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހުންގެ ކޮންޓެކްޓުންގެ ތެރެއިން އިއްޔެ އާއި މިއަދުވެސް ބައެއް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން އިއްޔެ 324 ރެންޑަމް ސާމްޕަލެއް އެރަށުން ނެގިއިރު އޭގެ ތެރެއިން 88 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުގައި ބަލި ޖެހުނު މީހުންގެ އަދަދު 108 އަކަށް އަރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ކޭސްތަކާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެރަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އެރަށުގައި މިހާރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގުރައިދޫގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހަ މީހަކަށް ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަ ކަމަށެވެ.