ޚަބަރު

ކަނޑަށް ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

ރިފާ ހަލީލު

މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ޑްރީމް ލޯންޗު ބަންޑުން ޖަހާލައި ކަނޑަށް ވެއްޓުނު ކުޑަކުއްޖާ މިހާތަނަށް ފެނިފައިނުވާތީ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ޑްރީމް ލޯންޗަށް ރާޅެއް އަރައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ގެއްލުނު ހާދިސާގައި ކުއްޖާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ ކަނޑު މަގުންނާއި ވައިގެ މަގުން 4706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާ ފެނިފައިނުވާތީ ކުއްޖާ ހޯދުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މާލެއިން ފުރައިގެން ދަނިކޮށް، ލޯންޗަށް ދިޔަވެ އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހުން ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓު ކައިރިން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ހަވީރު 5:00 ހާއިރުއެވެ. އެ ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖާ ގެއްލިފައިވާ އިރު، އެ ކުއްޖާގެ މަންމަ މަރިޔަމް ނާހިދާ ވަނީ މަރުވެފައެވެ.