އިންޑިއާއިން ދަނީ ރާއްޖެ ދަރަނި ދަންތުރައެއްގައި ޖައްސައި އަންނަން އޮތް ޖީލުތަށް ހަލާކު ކުރަމުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ އެގޮތަށް ވިދާޅުވީ، އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން މިއަދު މާލޭގައި ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ، ރާއްޖެ ކުޑަވުމަކީ އިންޑިއާއަށް މިގައުމު އަޅުވެތިކުރަން ލިބިފައިވާ ލައިސަންސެއް ނޫން ކަމަށާއި އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް އިހުތިރާމްކޮށް މިނިވަންކަމަށް ޖާގަދޭންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމަ ކުޑަވުމަކީ އަޅުގަނޑުމެން އަޅުވެތިކުރަން ލިބިފައިވާ ލައިސަންސެއް ނޫން މިނިވަންކަމަށް ޖާގަދޭށޭ، ދަރަނި ދަންތުރައިގައި ޖައްސައިގެން އަޅުގަނޑުމެންގެ އަންނަން އޮތް ޖީލު ހަލާކުނުކުރާށޭ" އަދުރޭ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ތިބި އިންޑިއާ ސިފައިން މިހާރުން މިހާރަށް ބޭލުމަށް ގޮވާލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދަކީ ހިޔާނާތްތެރިން ކަމަށް ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރާ ހަމައަށް ރާއްޖެއިން ޗައިނާ އަތުން ނަގާފައިވާ ލޯނުތަކުގެ ޖުމުލަ އަދަދަކީ 1.56 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 24 ބިލިއަން ރުފިޔާ) އެވެ. ނަމަވެސް އިންޑިއާގެ ލޯނުތަކުގެ އަދަދު ވަނީ 1.85 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 28 ބިލިއަން ރުފިޔާ) އަށް އަރައިފައެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ ލޯނުތަކާއި ހިލޭ އެހީތަކުގެ ސިއްރަކީ ރާއްޖޭގައި އިންޑިއާ ސިފައިން ސްޓޭޝަންކުރުން ކަމަށް އިދިކޮޅުން އަބަދުވެސް ތުހުމަތުކުރެއެވެ. އަދި ރާއްޖޭގެ ދުސްތޫރީ ނިޒާމަށް އިންޑިއާގެ ނުފޫޒު ވަންނަނީ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު