ޚަބަރު

ޖަރުމަނުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަން ކޮންޑޯއާއެކު ހާއްސަ ކެމްޕެއިނެއް ފަށައިފި

ޖަރުމަނުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެގައުމުގެ އެންމެ ބޮޑު އެއް އެއާލައިން، ކޮންޑޯއާއެކު ވިޒިޓް މޯލްޑިވްސްއިން ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، ހަ މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެ ކެމްޕެއިނުގެ މަގުސަދަކީ ޖަރުމަނުގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުން ކަމަށެވެ.

އެގޮތުން ކެމްޕެއިނުގެ ޒަރިއްޔާއިން ޖަރުމަނުގެ އެޖެންޓުން މެދުވެރިކޮށް ރާއްޖޭގެ ޕްރޮޑަކްޓުތައް އަދި ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް މާކެޓުކޮށް، ރާއްޖެއަކީ ޖަރުމަނުގެ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރަން އިހުތިޔާރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ ކެމްޕެއިނުގެ ތެރެއިން ކޮންޑޯ އެއާލައިންގެ ވެބްސައިޓް، ޔޫޓިއުބް، ވެބިނާތަކާއި ނިއުސް ލެޓާ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައްވެސް ޖަރުމަނު ފަތުރުވެރިންނަށް އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަންގައިދެވޭނެ ކަމަށެވެ.

އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލައި އިރު، ޖަރުމަނަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން 60،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.