ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތައް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ކާމިޔާބު ކޮށްފިއެވެ.
ގްރޫޕް އެފްގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ފަހަތުން އަރައި އެޓްލާންޓާ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އެޓްލާންޓާއިން ދެ ގޯލު ޖަހައިފައި ވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބު ކުރީ ފަހު ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. ނަތީޖާ އަނބުރާލުމަށް ޖެހި ތިން ގޯލުގެ ތެރެއިން ފަހު ގޯލު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޔުނައިޓެޑް ޖާޒީގައި 300 ވަނަ މެޗަށް ނުކުމެ ހުރި ރޮނާލްޑޯގެ ގޯލާއެކު ޔުނައިޓެޑްގެ ދަނޑު ގުގުމާލިކަން ފާހަގަވިއެވެ.
ފުރަތަމަ ހާފްގައި އެޓަލާންޓާގެ މާރިއޯ ޕަސަލިޗާއި މެރިހް ޑެމިރަލްގެ ގޯލުތަކުން އެޓީމު 2-0 ގެ ލީޑެން ނަގާފައިވާއިރު، ހާފް ނިމިމުމާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ޓީމަށް "ބޫ"ވެސް ކޮށްފައެވެ. އެ ފާޑު ކިޔުންތަކާއެކު ދަނޑުން ފައިބައިގެން ދިޔަ ޔުނައިޓެޑުގެ ކުޅުންތެރިން ދެވަނަ ހާފަށް ނުކުމެ އިތުރު ހިތްވަރަކާއެކު ފެނިގެން ދިޔައިރު، ފުރަތަމަ ގޯލު ޖެހީ މާކަސް ރަޝްފޯޑެވެ.
ކެޕްޓަން ހެރީ މެގުއާގެ ގޯލާއެކު ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއިރު، ރޮނާލްޑޯގެ ގޯލު ފެނިގެން ދިޔައީ މެޗު ނިމެން އަށް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. މިވަގުތު ގްރޫޕް އެފްގެ އެއްވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ ދެވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު އޮތް އެޓަލާންޓާއެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި ރޭ ޗެލްސީން މަލްމޯ އެފްސީ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޖޯޖީނިއޯގެ ދެ ޕެނަލްޓީގެ އިތުރުން ޗެލްސީއަށް އަނެއް ދެ ގޯލު ކާމިޔާބު ކޮށްދިނީ ކައި ހަވާޓްސް އާއި އަންދްރޭސް ކްރިސްޓިއަންސަން އެވެ. މެޗުގައި ޗެލްސީން ހޯދި މޮޅަށް ހިޔަނި އެޅުނީ ފުރަތަމަ ހާފްގައި ދެ ފޯވަޑުންނަށް ލިބުނު އަނިޔާއިންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޓީމޯ ވާނާ އާއި ރޮމެލޫ ލުކާކޫއަށް ވެސް އަނިޔާވެގެން ބާލަން ޖެހިފައިވާއިރު، މެޗަށްފަހު ކޯޗު ތޯމަސް ޓުޗެލް ބުނެފައި ވަނީ ދެ ކުޅުންތެރިންވެސް ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ލުކާކޫ ފައިގެ ކުޑަ ހުޅަށް އަނިޔާވެފައިވާއިރު، ބެލެވޭ ގޮތުގައި ވާނާ އަށް ލިބުނު އަނިޔާއަކީ ހެމްސްޓްރިންގް އަނިޔާއެކެވެ.
މިވަގުތު ގްރޫޕް އެޗްގައި ޗެލްސީ އޮތީ ދެވަނައިގައެވެ. އެއީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ޔުވެންޓަސް އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްގެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު