Close
އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން އިމާރާތްކުރާ ފްލެޓްތަކަށް އަންނަ ޖޫންމަހު ވަދެވޭނެ: ޝަރީފް

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވެށި ހިޔާ މަޝްރޫއުގެ ދަށުން، ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުގެ ކުންފުނިތަކުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން، އެމްޑަބްލިއުއެސްސީން އިމާރާތްކުރާ ފްލެޓްތަކަށް އަންނަ ޖޫންމަހުގެ ތެރޭގައި މުވައްޒަފުންނަށް ވަދެވޭވަރު ވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެކުންފުނިން ކުރިއަށް ގެންދާ ފްލެޓް ޕްރޮގްރާމާބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ދެއްވަމުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ ފްލެޓް ޕްރޮޖެކްޓުގެ 64 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ކޮމިޓީގައި ބުނީ، ހިޔާ ޕްރޮޖެކްޓްގެ ދަށުން އެ ކުންފުނިން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ ދެ ޓަވަރުގެ މަސައްކަތެވެ. ނަމަވެސް އެ ކަަމަށް ފައިސާ ހަމަނުޖެހުމުން މިހާރު ކުރިއަށް ގެންދަނީ ޓަވަރު އޭ ގެ މަސައްކަތެވެ. އެއީ 192 ފްލެޓްގެ މައްޗައް އެކުލެވޭ ޓަވަރެއް ކަމަށާއި އޭގެ ތެރެއިން އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް 156 ފްލެޓް ހާއްސަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެފްލެޓްތަކުން ފްލެޓް ލިބުނު 69 މުވައްޒަފުން ޑައުންޓް ޕޭމަންޓް ދައްކާފައިވާ ކަމަށާއި، ދެން ފައިސާ ދަކަން ފަށަން ޖެހޭނީ ފްލެޓަށް ވަދެވުމުން ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ. ދެން ހުރި 87 ފްލެޓް އަށް ކުރިމަތި ލުމުގެ ފުރުސަތު މުވައްޒަފުންނަށް އަލުން ހުޅުވާލާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީން އިމާރާތްކުރާ ޓަވަރުގައި ހިމެނޭ 192 ފްލެޓްގައި ހިމެނެނީ، އެއް ކޮޓަރީގެ 92 އެޕާޓްމެންޓާއި ޓޫޕްލަސް ވަންގެ 40 އެޕާޓުމަންޓްގެ އިތުރުން ތިން ކޮޓަރީގެ 60 އެޕާޓްމަންޓް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ ފްލެޓްތައް މުވައްޒަފުންނާ ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތް މުޅިން ނިންމުމަށްފަހުގައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.