ގޭބިސީތަކާއި ވިޔަފާރިތަކުން ނުދެއްކި ހުރި ފެން ބިލުތައް ދެއްކުމުން، އެ ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ނިންމައިފިއެވެ.
ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލު ނުދެއްކި، ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަށް މީގެ ކުރިން ވެސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާ އިރު، އިތުރު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް އެމްޑަބްލިޔުއެސްސީން ނިންމައިފައިވާކަން މިދިޔަ އަހަރުގެ މެއި 9 ގައިވެސް ވަނީ ބުނެފައެވެ.
އެ ދުވަހު އެ ކުންފުނިން ބުނީ އެ ޕްރޮގްރާމާ ގުޅިގެން، އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލުތަކަށް، 2024 ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދެވޭނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކުރުމަށް އަނެއްކާވެސް ނިންމަވާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން، އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރު 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދެވޭނެ ކަމަށެވެ. އެގޮތުން، ޖޫރިމަނާ މަައާފުކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލުތަކަށް ދައްކާން ޖެހޭ ޖުމްލަ ފައިސާ މިމަހުން ފެށިގެން މި އަހަރުގެ ނިޔަލަށް އެއްކޮށް ދައްކާ ކަސްޓަމަރުންނަށް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އޭގެ އިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރުމަށް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފުކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ހަލާސްކުރުމުން ކަމަށެވެ.
އެކަމާ ގުޅުންހުރި އިތުރު މައުލޫމާތު އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރުމުން އެކަމުގައި އެހީތެރިކަން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ދިވެހިރައްޔިތުންގެ ފައިސާ ވަކިބަޔަކައްތޯ ތިޔަގޮތަށް މާފް ކުރެވެނީ ކޮބާތޯ އެހެންރައްޔިތުންގެ ހައްގު ތިޔަގޮތައް ތިކަންވެވިގެންނުވާނެ ދިވެހިރައްޔިތުންގެ ފައިސާއިން.
ހައްގުބަސް - 2 މަސް ކުރިން