އަންނަ އަހަރު އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އަންނަ އަހަރު އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.
އެގޮތަށް ހުށަހެޅީ އޮޑިޓް އޮފީހުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ބަޖެޓާމެދު ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތީން ބައެއް ބަދަލުތައް ގެނެސް ކޮމިޓީން ފާސްކޮށް ގެންނެވެ.
އަންނަ 2022 ވަނަ އަހަރަށް ބޭނުންވެގެން އޮޑިޓް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅީ، ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 63 މިލިޔަން ރުފީޔާ އާއި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އޮޑިޓް އޮފީހުގެ އާ އިމާރާތް ހެދުމަށް ބޭނުންވާ 55 މިލިޔަން ރުފިއާޔާއެކު 118 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް އެ ބަޖެޓަށް ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ލަފައާއެކު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 60.3 މިލިޔަން ރުފީޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އޮޑިޓް އޮފީހުގެ އާ އިމާރާތް ހެދުމަށް 30 މިލިޔަން ރުފިޔާ ހިމެނުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.
ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރަދުގެ ގޮތުގައި 60،315،293 ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ގޮތުން، އެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 30,000,000 ރުފިޔާއާއެކު 2022 ވަނަ އަހަަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ޖުމުލަ 90،315،293 ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށް ކޮމިޓިން ވަނީ ހުށަހަޅައިފައެވެ.
އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއްދޭން ފާސްކުރިއިރު، އެ އޮފީހުގެ ވޯކު ޕްލޭންގައި، އަންނަ އަހަރުން ފެށިގެން މުޅި ސިވިލްސާވިސްގެ އޯޑިޓެއް ހެދުމަށް ހިމެނުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ހުށަހަޅުއްވައި، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ތާއީދު ކުރައްވައިގެންނެވެ.
އެ އިސްލާހާއެކު އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް