މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަންދިން ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާޖެނެރަލް ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕްރޮސިކިއުޓާޖެެނެރަލްގެ އޮފީހުން ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިތުރު ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ކުރިމިނަލް ކޯޓަށް ފޮނުވީ އިއްޔެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދެމީހުންގެ މައްޗަށް ކޮށްފައި ވަނީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.
އެ ދެމީހުންގެ ތެރެއިން އަލިމަނިކަކީ، 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.
އެ މައްސަލައިގައި އަލިމަނިކު ޖަލަށްލާފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލައިފައިވެސް ވެއެވެ.
އޭގެ ފަހުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ ހުސްވި ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.
މުހައްމަދު ތަސްލީމަކީ، އަމިއްލަ ކުންފުންޏެއްގެ އޮފީސްތެރޭގައި ބޮމެއް ހަދަން މަސައްކަތްކުރި މައްސަލައިގައި 2017 ވަނަ އަހަދު ހައްޔަރުކުރި މީހެކެވެ. މެއި ހައެއްގައި މަޖިލިސް ރައީސަށް ހަމަލާދިނުމަށް އިރުޝާދު ދިނީ އޭނާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
އިތުރު ދެމީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނާއިރު އެ މައްސަލައިގައި، މީގެ ކުރިން ހަތް މީހަކަށް ވަނީ ދައުވާ ކޮށްފައެވެ.