އަންނަ އަހަރުން ފެށިގެން މުޅި ސިވިލްސާވިސްގެ އޯޑިޓެއް ހެދުމަށް އޮޑިޓާޖެނެރަލް އޮފީހުގެ ވޯކްޕްލޭންގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރު އޮޑިޓް އޮފީހަށް 90.3 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދާ ބަހުސްގައި ވާހަކަ ދައްކަވަމުން އިލިޔާސް ލަބީބު ވިދާޅުވީ އަންނަ ޖެނުއަރީން ފެށިގެން މިނިމަމްވޭޖް ދޭން ފަށާއިރު އެފަދަ އޯޑިޓެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން މުޅި ސިވިލްސާވިސް އާއި ދައުލަތުގެ ހުރިހާ ސެކްޓަރުތަކުގެ މުވައްޒަފުންގެ މުސާރަތައް އިތުރުވެގެންދާނެތީ އޭގެ ޕާފޯމަންސް ބެލުމަކީ މުހިއްމުކަމެއް ކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.

އެފަދަ އޮޑިޓެއް ހަދަން ޖެހެނީ، ސިވިލްސާވިސްއަށް އަންނަ ބަދަލާއެކު ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްވެސް ރަނަގޅުވާންޖެހޭނެތީ، ކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް ލިބިގެންދާނެ މުހިއްމު ފުރުސަތަކަށް ވާނެތީ ކަމުގައިވެސް ވިދާޅުވިއެވެ.