ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި އާރްބީ ލެއިޕްޒިގް ބަލިކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް އޭ ގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ލެއިޕްޒިގުގެ މައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީން ފުރަތަމަ ގޯލެއް ޖަހާފައި ވަނިކޮށް ލެއިޕްޒިގުން ފަހަތުން އަރައި ދެ ގޯލު ޖެހި ނަމަވެސް ލިއޮނެލް މެސީ ވަނީ ދެވަނަ ހާފުގައި ދެ ގޯލު ޖަހައި ޕީއެސްޖީ މޮޅު ކޮށްދީފައެވެ.
ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އޮތީ ގްރޫޕް އޭގެ އެއްވަނައިގައެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީން ކުޅުނު ތިން މެޗުން އެޓީމަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އެ ގްރޫޕުގެ ދެވަނައިގައި އޮތް ސިޓީއަށް ލިބިފައި ވަނީ ތިން މެޗުން ހަ ޕޮއިންޓެވެ. ސިޓީން ރޭ ކުޅުނު މެޗުގައި ކްލަބު ބްރޫޖުގެ މައްޗަށް ކުރިހޯދީ 5-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ނުވަ ވަނަ މިނެޓުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޖެހި ގޯލާއެކު ޕީއެސްޖީން ލީޑު ނެގިއެވެ. އެ ގޯލާއެކު ޕީއެސްޖީން ލީޑު ނެގި ނަމަވެސް ޖަރުމަނުގެ ލެއިޕްޒިގުން ދިޔައީ ނުރައްކާ ކުރަމުންނެވެ. އެ ނުރައްކާތަކުގެ ތެރެއިން ލެއިޕްޒިގުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަންދްރޭ ސިލްވާއެވެ.
ދެވަނަ ހާފަށް ނުކުމެ ނޯޑީ މުކޭލޭ ޖެހި ގޯލުން މެޗުގައި ލެއިޕްޒިގުން ލީޑު ނެގި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މެސީ ވަނީ އަނެއްކާވެސް ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެމްބާޕޭގެ ތިރިތިރިން ދިން ޕާސް މެސީ ގޯލަށް ފޮނުވާލީވެސް ތިރިތިރިންނެވެ. އެ ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ.
ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނޭމާ ކުޅެފައިނުވާއިރު، މެސީގެ ދެވަނަ ގޯލަކީ ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ޖެހި ގޯލެކެވެ. މެޗުގައި މެސީ ޖެހި ޕެނަލްޓީއަކީ ހިތްގައިމު 'ޕެނަންކާ' ޕެނަލްޓީއެކެވެ. މެޗުގެ ފަހު މިނެޓުގައި ޕީއެސްޖީއަށް އިތުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް އެމްބާޕޭ ޖެހި އެ ޕެނަލްޓީ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު