ވެކްސިން ޖެހޭ އާބާދީގެ 90 ޕަސަންޓު މީހުން ކޮވިޑު ވެކްސިންގެ ދެޑޯޒު ފުރިހަމަ ކުރުމުން ތިން ވަނަ ޑޯޒު ނޫނީ ބޫސްޓާ ޑޯޒު މުޅި އާބާދީއަށް ދިނުމާމެދު ވިސްނާނެ ކަމަށް ހެލްތު ފްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެޗްޕީއޭގެ އަމާޒަކީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ މީހުން ދެޑޯޒު ފުރިހަމަ ކުރުވުން ކަމަށެވެ. އެކަން ހާސިލު ވުމުން ބޫސްޓާ ޑޯޒު މުޅި އާބާދީއަށް ޖެހުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
އަދި ވިދާޅުވީ ޑަބްލިއުއެޗްއޯއިން ދީފައިވާ އިރުޝާދަކީ އެ ގައުމަކުން ދެ ޑޯޒް ފުރިހަމަ ކުރުމަށް އިސްކަން ދިނުން ކަމަށާއި ގައުމުގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރުމުން، ހުރިހާ މީހުންނަށް ބޫސްޓާ ޑޯޒް ދިނުން ކަމަށެވެ.
"ޑަބްލިޔުއެޗްއޯ ފަދަ މުއައްސަސާތަކުން ދީފައިވާ އިރުޝާދު ތަކަކީ ފުރަތަމަ އެގައުމެއްގެ ވެކްސިންގެ ކަވަރޭޖް ޑޯޒް ފުރިހަމަ ކުރުމަށް އިސްކަންދޭށޭ. ގައުމެއްގެ ނުވަ ދިހަ އިންސައްތައަށް ކަވަރޭޖް ދެވުނީމަ ދެން އަޅުގަނޑުމެން ވިސްނާނީ އޭގެ ސެކަންޑަރީ ޕާޓެއްގެ ގޮތުގައި ބޫސްޓާ ޑޯޒެއް ޖަހަން. އެހިސާބުން އަޅުގަނޑު ބޫސްޓާ ޑޯޒަކަށް ދިއުމުގެ ހިޔާލަކަށް ދާނެ. އަދި އެހިސާބުން އަޅުގަނޑުމެން ނިންމާނީ ބޫސްޓާ ޑޯޒް ޖަހާނަންތޯ ޖަހާނީ ކޮން ވެކްސިނެއްތޯ،" އަފްޒަލް ވިދާޅުވިއެވެ.
މިހާރު ބޫސްޓާ ޑޯޒު ޖަހައިދެނީ 60 އަހަރުން މަތީގެ މީހުންނާއި ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންޏަށް އެކަންޏެވެ. މިހާތަނަށް ބޫސްޓާ ޑޯޒް ޖަހާފައިވަނީ 601 މީހުނެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.
ބޫސްޓާ ޑޯޒު ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ބޫސްޓާ ޑޯޒު ޖެހެން ހުންނާނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ބޫސްޓާ ޑޯޒު ޖެހެން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު