ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ދިފާއުން ވާހަކަ ދައްކައި ނިންމާލުމުން ދެން އޮންނާނީ އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުންކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވެއްޖެއެވެ.

ނަދީމްއަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލާފައި ވަނީ އޭނާ ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައި ވަނީ، ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސެއިން ސަލީމް،

ރ. އިންނަމާދޫ ސަމަންތާ, ހުސެއިން ޝާމިން ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށެވެ.

މަފާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ބާކީތިބި މީހުންގެ މައްޗަށް ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ކުރާ ދައުވާތަކަށް ހަތަރު މީހުން ވެސް ވަނީ އިންކާރުކޮށްފައެވެ.

މި މަައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާލިބޭ ފަރާތްތަކުގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ޓާމިނަލް ކެފޭގައި ހާދިސާ ހިނގިތަނަށް އެންމެ ފުރަތަމަ ހާޒިރުވީ ދެ ފުލުހުންގެ ހެކިބަހަށް ބަލާއިރު، އެތަނުގެ މޭޒެއްގައި ގިނަ އަދަދެއްގެ މީހުން ތިބިކަމަށް ބުނެފައިވާ ކަމަށާއި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މީހަކަށް ނުވަދެވޭ ގޮތަށް އެތަން ބަންދުކުރިއިރު ރެސްޓޯރަންޓު މަތީ ފްލޯއިން ހިދުމަތް ލިބިގަންނަން ތިބި ފަރާތްތަކަށް ނުކުމެވޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައި އޮތް ކަމަށެވެ. އަދި އޭރު އެތަނުގައި ތިބި ގިނަ އަދަދެއްގެ މީހުންނަކީ އެ ހާދިސާ ލޮލަށް ފެނުނު މީހުންނަށް ވުމުގެ އިހުތިމާލު އެބައޮތް ކަމަށާއި އެކަމުގައި ބައިވެރިވި ފަރާތެއް ހުރުމުގެ އިހުތިމާލުވެސް އެބައޮތް ކަމަށެވެ. މި އެންމެން ފޮނުވާލިއިރު ފުލުހުން އެމީހުންގެ ނަން ނޯޓުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫރުއްސަލާމް އިތުރަށް ވިދާޅުވީ މައްސަލައިގައި މަންޒަރު ދުށްކަމަށް ބުނާ މީހުންގެ ހެކިބަހާ ގުޅޭގޮތުން ހަ ސިއްރު ހެއްކެއް ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ނަދީމަށް ހަމަލާދިން މީހުން މާސްކު އަޅައިގެން ތިބުމުން މޫނު ސާފުނުވާކަމަށް ސިއްރު ހެކި ތިނެއް އަދި ނުވަ އެއްގެ ހެކިބަހުން އެނގޭ ކަމަށެވެ. މީގެ އިތުރުން ސިއްރު ހެކި ހަތެއް ހެކިބަސް ދެމުން ކެފޭ ތެރެއިން ބަޔަކު ނުކުމެގެން ދިޔަތަން ފެނުނު ކަމަށާއި ދައުވާލިބޭ މީހުންގެ ތެރޭގައި އެ ދުވަހު ތިބި މީހުން ތިބިކަން ފާހަގަނުވާކަމަށް ބުނެފައިވާ ކަމަށް ނޫރުއްސަލާމް ފާހަގަ ކުރެއްވިއެވެ.

ޝަފަހީ ހެކިންގެ ހެކިބަހާ ގުޅޭގޮތުން ވަކީލު ނޫރުއްސަލާމް ވިދާޅުވީ ޓާމިނަލް ކެފޭ ތެރޭގައި އެވަގުތު ތިބި ބައެއް މީހުންގެ ހެކިބަސްތަކުން ނަދީމަށް ހަމަލާދިނީ މަފާޒު ނޫންކަމަށް ޔަގީންކޮށްދީ ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ދައުވާލިބޭ އެއްވެސް މީހަކު އެރޭ ކެފޭއަށް ނުދާކަމަށް ވެސް ހެކިބަސް ދީފައިވާ ކަމަށެވެ.

އެކަންކަމާ ގުޅިގެން ދައުލަތުން ވިދާޅުވީ ދިފާއުގެ ވާހަކަތަކަށް ރައްދު ދޭނީ ހުލާސާ ބަޔާނުގައި ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ދައުވާލިބޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުންވެސް ކުރިއަށް ގެންދިޔައެވެ. ޝަރީއަތުން ނިންމީ ދައުވާލިބޭ މީހުން ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ނޮވެމްބަރު މަހު 15 ވަނަ ދުވަހުއެވެ. އެއީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.